ކ. ގާފަރު ފަޅުގައި ޕްރައިވެޓް އައިލެންޑާއި ލަގްޒަރީ ރިސޯޓް ތަރައްގީ ކުރުމަށް 16 ރަށެއް ހިއްކަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީކުރާނެ އެވެ. އެ މަޝްރޫއުގެ ދަށުން ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

މިއީ ކ. އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ގިނަ ރަށްތަކެއް ހިއްކާ ފުރަތަމަ މަޝްރޫއު އެވެ.

އެމްއެފްއެމްސީ އިން ބުނީ ކ. ގާފަރު ފަޅުއެއްބަސްވުމުގެ ދަށުން ރަށްތައް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36 މިލިއަން ޔޫއެސް ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތަށް ތިން މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ވަނީ ލަފާކޮށްފަ އެވެ. ކިއުބިކް މީޓަރަކަށް 7.8 ޔޫއެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ހަރަދުވާނެކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މި މަސައްކަތަށް ދާ ހަރަދު އެމްއެފްއެމްސީން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމުމަށް ފަހު އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެންނެވެ.

މިއީ ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކާ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ މަޝްރޫއު އެވެ.