ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެއްވި ތަގްރީރަކީ ރާއްޖޭގެ ތާރީހުގައި ވެސް މިނިވަން ދުވަހެއްގައި އެންމެ އިސްވެރިޔަކު ދެއްވި އެންމެ ހިތްދަތި ތަގުރީރު ކަމަށް ވިދާޅުވެ، ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރާޝިދާ ވިދާޅުވީ، ގައުމުގެ ހާލަތު އޮތް ގޮތް ރައީސް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވި ނަމަވެސް، ވާހަކަފުޅުގެ ރާގު ހުރީ ރައްޔިތުންނާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެ ތަގުރީރުގެ އަޑުއައްސަވަން ވަރަށް ދެރަވި ކަމަށާއި، ރައީސް ވާހަކަފުޅުދެއްކެވީ ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމެއްގައި ހުންނަވައިގެން ކަމަށް ހީވި ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.
މިނިވަން ދުވަހަކީ ރައްޔިތުންނަށް އުފާވެރިކަމާއި މިނިވަންކަމުގެ އިހުސާސް ކުރެވެންޖެހޭ ދުވަހެއްކަން ފާހަގަކުރައްވައި، ރާޝިދާ ވަނީ އެފަދަ ދުވަހެއްގައި ރައްޔިތުން ވިކްޓިމައިޒް ވާ ގޮތަށް، އާންމުންގެ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ވެރިޔަކު ވާހަކަފުޅުދެއްކެވުމުން ގިނަ ބަޔަކު މާޔޫސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކެބިނެޓް މިނިސްޓަރުކަން ކުރައްވާފައިވާ ރާޝިދާ ޔޫސުފް މިފަދައިން ހިޔާލު ފާޅުކުރައްވާފައި މިވަނީ، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދުގެ ބޮލުގައި ވެސް ރައީސް މުއިއްޒު ވަނީ ސާބިތު ނުހިފޭ އިލްޒާމެއް އަޅުވާފަ އެވެ. އެކަމާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
"ފްރެންޑްސް"ގެ ތަރި ލީސާއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް!
އެއްވެސް ފަރާތަކުން އަޅުގަނޑަށް ނުފޫޒެއް ނުފޯރުވާ: އާހިދު
މާފުށީގައި ޕެރެސެއިލިން ވައިކުޑައެއް ފަޅައިގެން ގޮސްފި
