2026 ގެ ފީފާ ވޯލްޑް ކަޕްގެ ފޯރި މުޅި ދުނިޔޭގައި ގަދަވަމުންދާއިރު، ދަނޑުމަތިން ފެންނަ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ކުޅުންތެރިން ބޭނުންކުރާ ކިޓްތަކަށްވެސް ގިނަ ބައެއްގެ ސަމާލުކަން ދަނީ ހުއްޓެމުންނެވެ.
މީގެ ތެރެއިންވެސް ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބޭނުން ކުރަމުންދާ ޖާޒީއަކީ މުޅި މުބާރާތުގައިވެސް ފެންނަ އެންމެ ތަފާތު އަދި އެންމެ ހާއްސަ އެއް ޖާޒީ އެވެ.
ދަނޑުމަތީގައި ތިބޭ އެހެން ހުރިހާ ކުޅުންތެރިންގެ ކިޓާ ހިލާފަށް، އެމްބާޕޭގެ ޖާޒީ ފާހަގަކުރެވެނީ އޭނާއަށް އެކަނި ލިބިފައިވާ ހާއްސަ ރަމްޒީ ނިޝާނެއްގެ ސަބަބުންނެވެ.
އެމްބާޕޭގެ ޖާޒީގެ މެދުތެރޭގައި، ގައުމީ ނިޝާނާ ދާދި ކައިރީގައި ވަނީ އޭނާއަށް އެކަނި ހާއްސަ ކޮށްފައިވާ "ޓޮޕް ސްކޯރާ" ބެޖެއް ހިމަނާފަ އެވެ. މި ހާއްސަ ބެޖަކީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕްގައި 8 ލަނޑު ޖަހައިގެން އޭނާ ހޯދި ރަން ބޫޓު ކާމިޔާބީގެ އަގު ވަޒަން ކުރުމުގެ ގޮތުން ޖާޒީގައި ހިމެނި ނިޝާނެކެވެ. މިއީ އެމްބާޕޭ ފުޓްބޯޅައިގެ ދުނިޔޭގައި ދައްކަމުންދާ ރަސްކަމާއި އޭނާގެ ވަރުގަދަ ނުފޫޒު ރަމްޒުކޮށްދޭ ވަރަށް މުހިންމު ބަދަލެކެވެ.
ފީފާ ވޯލްޑް ކަޕްގެ ދިގު އަދި މުއްސަނދި ތާރީހުގައިވެސް، ކުރީގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް އިހްތިރާމް އަދާ ކުރުމުގެ ގޮތުން މިފަދަ ހާއްސަ ބެޖެއް ޖާޒީގައި ހިމެނި ފުރަތަމަ ފަހަރަކީ މިއީ އެވެ.
މި ނިންމުމާއެކު އެމްބާޕޭ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް މިފަދަ ޝަރަފެއް ދަނޑުމަތީގައި ޖާޒީން ދައްކާލުމުގެ ފުރުސަތު ލިބުނު ދުނިޔޭގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މިއީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ތާރީޚީ އަދި އަގުބޮޑު ކުރިއެރުމެކެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުންތެރިންގެ އަމިއްލަ ކާމިޔާބީތަކާއި ޝަރަފުތައް ޖާޒީގެ ބެޖުތަކުން ދައްކާލުމުގެ އާ އުސޫލެއް ފީފާއިން ވަނީ ތައާރަފް ކޮށްފަ އެވެ. މި
އާ ޓްރެންޑްގެ ދަށުން ބައެއް އެހެން ގައުމުތަކުގެ ކުޅުންތެރިންވެސް އެމީހުންގެ ފުރަތަމަ މުބާރާތް ނުވަތަ ގައުމީ ފެންވަރުގައި ހޯދާފައިވާ ހާއްސަ ކާމިޔާބީތައް ރަމްޒު ކޮށްދޭ ނިޝާންތައް ބޭނުންކުރެ އެވެ.
ނަމަވެސް، އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގެ ރަން ބޫޓު ރަމްޒުކޮށްދޭ އެމްބާޕޭގެ ބެޖަށެވެ.
މި ހާއްސަ ޖާޒީއާއެކު އެމްބާޕޭ މިއަހަރުގެ މުބާރާތުގައިވެސް ދަނީ ހިފެހެއްޓުމެއް ނެތް މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު މެޗުތަކުގައި ގިނަ ލަނޑުތަކެއް ޖަހައި، ވޯލްޑް ކަޕްގެ ތާރީހުގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދު 18 އަށް އަރުވާފަ އެވެ. މިއީ މުސްތަގުބަލުގައި ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލުމަށް އޭނާއަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
ފްރާންސްގެ ސަޕޯޓަރުންނާއި މުޅި ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ސަޕޯޓަރުން ދެކޭގޮތުގައި، އެމްބާޕޭގެ ޖާޒީގައިވާ މި ބެޖަކީ ހަމައެކަނި ރީތިކަމަކަށް ހިމަނާފައިވާ އެއްޗެއް ނޫނެވެ. އެއީ އޭނާގެ ހިތްވަރާއި، ހުނަރާއި، އަދި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ލެވަލްގައި އޭނާ ހޯދާފައިވާ މަގާމު މުޅި ދުނިޔެއަށް ހަނދާން ކޮށްދޭ ރަމްޒެކެވެ.
ފްރާންސް ގަދަ 16އަށް، ދެ ލަނޑާއެކު އެމްބާޕޭއަށް އިތުރު ރެކޯޑެއް
އެމެރިކާ މޮޅުވެއްޖެ ނަމަ ހަނދަށް ބޯޅައެއް ފޮނުވާނަން: ނާސާ