އެމްޓީސީސީ އިން މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމަށް 13 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތައްޔާރުކުރި އެޕްލިކޭޝަނަށް ސައިބާ ހަމަލާއެއްދީ ހެކްކޮށް، އެޕްލިކޭޝަން ބޭނުންކުރި ގިނަ އަދަދެއްގެ މީހުންގެ ޒާތީ މައުލޫމާތުތަކާއި ސިސްޓަމްގެ އެތެރޭގެ މައުލޫމާތުތައް ލީކުވެއްޖެ އެވެ.
މި ހަމަލާގައި އެޕްލިކޭޝަން ބޭނުންކުރަމުންދިޔަ ހުރިހާ ޑްރައިވަރުންގެ ނަންތައް "ހަސަން ކުރުސީ"ގެ ނަމަށް ބަދަލުކޮށް، ދަތުރުތައް ކެންސަލްކުރުވާފައިވެ އެވެ. އަދި ހެކަރު ވަނީ އެޕްލިކޭޝަންގެ އެތެރޭގެ ވޮލެޓް މައުލޫމާތާއި، ޑްރައިވަރުންގެ ނަންތަކާއި، ފްލީޓްގެ ތަފުސީލާއި، ކަސްޓަމަރުން ކުރި ދަތުރުތަކުގެ ތަފުސީލާއި، ފޯނު ނަންބަރުތަކުގެ އިތުރުން ގެއްލޭ ތަކެއްޗާ ބެހޭ ބަޔަށް ފޮނުވާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތައް އާންމުކޮށްފަ އެވެ.
މި އެޕްލިކޭޝަން ހަދަން ހަވާލުކުރީ ކޮރަޕްޝަންގެ ތެރެއިން އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކާއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ތިލަކުރީ ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދެވެ. މިދުއަމް އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން އެމްޓީސީސީން "ފިކްސްޑް މޯލްޑިވްސް" ކިޔާ، އެޕްލިކޭޝަން އުފެއްދުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކަށް 13 މިލިއަން ރުފިޔާއަށް މި އެޕްލިކޭޝަން އުފައްދަން ހަވާލުކުރި އެވެ.
މި މައުލޫމާތުތައް އާންމުވުމާއެކު، ޓްރާންސްޕޭރެންސީ އެކްޓިވިސްޓުންނާއި ދިވެހި ސޮފްޓްވެއާ ޑިވެލޮޕަރުން ވަނީ އޯޕަން ސޯސް މައުލޫމާތު ބޭނުންކޮށްގެން ހާއްސަ ތަހުގީގެއް ހިންގާފަ އެވެ. އެ ތަހުގީގުން ވަނީ މި މުއާމަލާތް ހިންގާފައިވާ ގޮތުގެ ތަފުސީލީ މަންޒަރެއް ހާމަކޮށްދީފަ އެވެ.
އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން އުފައްދާނެ ބަޔަކު ހޯދުމަށް އެ ކުންފުނިން ކުރިއަށް ކުރިއަށްގެންދިޔައީ ސިއްރު ބިޑިންގް މަރުހަލާއެކެވެ. މިއީ ރާއްޖޭގައި މިފަދަ އެޕްލިކޭޝަންތައް އުފެއްދުމުގެ ތަޖުރިބާ ހުރި ގިނަ ޑިވެލޮޕަރުންނަށް ދައުވަތު ނުދީ، ވަކި ބަޔަކަށް އެކަނި ދައުވަތު ފޮނުވައިގެން ކުރިއަށްގެންދިޔަ ބިޑެކެވެ.
ސިއްރު ބިޑަށް ފަހު މަސައްކަތް ހަވާލުކުރި "ފިކްސްޑް މޯލްޑިވްސް" އަކީ ހދ. ނޮޅިވަރަންފަރު ޑޭޒީމާގޭ އިބްރާހީމް އަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދެއްގެ ވިޔަފާރިއެކެވެ. ތަހުގީގު ކުރި ފަރާތްތަކުން ވަނީ އިބްރާހިމް އާއި އެމްޓީސީސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަބްދުﷲ ފާރިޝްއަކީ އެއް އެޑްރެހަކަށް ރަޖިސްޓްރީވެފައިވާ އާއިލީ ގުޅުން އޮތް ދެ މީހުންކަން ހޯދާފަ އެވެ. އަދި ފާރިޝްއަކީ މި ޕްރޮޖެކްޓުގައި އެމްޓީސީސީގެ ތެރެއިން އިސްކޮށް އުޅުނު އެކަކެވެ.
އޭގެ އިތުރުން، ފިކްސްޑް މޯލްޑިވްސް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ އޮންނަ ކަމަށް ބުނާ ގުޅުންތައް ވެސް ތަހުގީގުން ހާމަވި އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވަނީ ޓެކްސީ އެޕްލިކޭޝަންގެ މަސައްކަތުގައި އެއްވެސް ގޯހެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ސައުދީ ވިދާޅުވި ގޮތުގައި ފާރިޝްއަކީ ވަކި ބަޔަކާ މަސައްކަތް ހަވާލުކުރުމުގެ އޮތޯރިޓީއެއް އޮތް މީހެއް ނޫނެވެ. އަދި ފިކްސްޑް މޯލްޑިވްސްގެ ވެރިޔާއާ އާއިލީ ގުޅުން އޮތަސް، އެ މުއާމަލާތުން ފާރިޝްއަށް މާލީ މަންފާއެއް ނުލިބޭތީ އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ސައުދީ ވިދާޅުވި އެވެ.
ނަމަވެސް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތައް ބުނާ ގޮތުން، މަސްލަހަތު ފުށުއަރާ ގުޅުމެއް އޮންނަ ފަރާތަކުން ބިޑުގައި ބައިވެރިވާ ނަމަ، ޓެންޑަރު މަރުހަލާއިން އެ މީހަކު ދުރުވާންޖެހެ އެވެ.
ފިކްސްޑް މޯލްޑިވްސްގެ އަމިއްލަ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، އެ ކުންފުންޏަކީ ނެޓްވޯކިން އާއި ސީސީޓީވީ ކެމެރާގެ ހިދުމަތް ދޭ ތަނެކެވެ. އެ ކުންފުނީގެ ތަޖުރިބާގެ ތެރޭގައި ސޮފްޓްވެއާ ނުވަތަ އެޕްލިކޭޝަން ޑިވެލޮޕްމަންޓްގެ އެއްވެސް މަސައްކަތެއް ހިމެނިފައެއް ނުވެ އެވެ.
ދިވެހި ސައިބާ ސެކިއުރިޓީ ހަބީރުންނާއި ޑިވެލޮޕަރުން ވަނީ އެމްޓީސީސީން އާންމުކުރި ލިންކުގެ ކޯޑާއި ސިސްޓަމްތައް ޓެސްޓުކޮށް، އެ އެޕްލިކޭޝަނަކީ ރައްކާތެރިކަމެއް ނެތް އާދައިގެ ގޮތަކަށް ކޯޑުކޮށްފައިވާ އެޕެއްކަން ކަށަވަރުކޮށްދީފަ އެވެ. އާދައިގެ ސްކްރިޕްޓެއް ބޭނުންކޮށްގެން މުޅި ޔޫޒާ ޑޭޓާބޭސް ނެގޭ ގޮތަށް ސިސްޓަމް އޮތުމުން، ރަޖިސްޓްރީވެފައިވާ މީހުންގެ އައިޑީ ކާޑާއި ފޯނު ނަމްބަރު ފަދަ ޒާތީ މައުލޫމާތުތައް ހާމަވެފައިވެ އެވެ.
މި އެޕްލިކޭޝަންގެ އޯޓީޕީ ވެރިފިކޭޝަން ސިސްޓަމްގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ސައިބާ ރިސާޗަރުން ވަނީ ފާހަގަކޮށްފަ އެވެ. ބޭނުންކުރާ މީހުންގެ ލޮކޭޝަނާއި އައިޑީ ކާޑު ފަދަ މުހިންމު މައުލޫމާތު އެއްކުރާ އެޕްލިކޭޝަނެއްގެ ސެކިއުރިޓީ އޮޑިޓެއް ނުހަދާ އާންމުކުރުމަކީ ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ޑިވެލޮޕަރުން އަންނަނީ ބުނަމުންނެވެ.
ގޭތެރޭގެ އިންޓީރިއާ: ޝަހުސިއްޔަތު ދައްކައިދޭ ލޯގަނޑެއް!
އިންޑޮނޭޝިއާއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް
ފެނަކައިގެ މުވައްޒަފުން އަދިވެސް މަދުކުރަން ލަފާދޭނަން: އަޒާން
