މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައި، މުޅި ރާއްޖެއިން އެއްވަނަ ހާސިލްކުރި ހަތް ދަރިވަރަކަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް ރައީސް މުހައްމަދު މުއިއްޒު ރޭ ހަވާލުކޮށްދެއްވައިފި އެވެ.
މި ޝަރަފުވެރި ސްކޮލާޝިޕް ހާސިލްކުރީ ދިވެއްސާއި އިސްލާމް ހިމެނޭހެން ފަސް މާއްދާއިން "އޭ ސްޓާ" ހޯދި ދަރިވަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސީއެޗްއެސްއީ ހުޅުމާލޭގެ ހަތަރު ދަރިވަރުންނާއި، ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރަކާއި، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރެއްގެ އިތުރުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ.
ސީއެޗްއެސްއީ ހުޅުމާލެއިން މި ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުންނަކީ އައިޝަތު ނަބީހާ އަމީން، ލީން އަހްމަދު ތާރިޤް، ޔަޝާ ޝާފީ ޝަފީޤް އަދި އަލީ މާއިޝް މުފީދެވެ. މީގެ އިތުރުން ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ހުސައިން ޔަމީން އާއި، ޏ. ފުވައްމުލައް އޭއީސީގެ އައިޝަތު ލީން އަބްދުﷲ އަދި އަރަބިއްޔާ ސްކޫލުގެ ލައިމް ހުސައިން ހަމީދު ވެސް ވަނީ މި ސްކޮލާޝިޕް ކާމިޔާބުކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕްގެ ދަށުން، އެ ދަރިވަރަކު ބޭނުންވާ ކޮންމެ ޤައުމަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ އެވެ. މި ސްކޮލާޝިޕް ދޫކުރަނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ 'ނެޝަނަލް ޓްރެއިނިންގ ނީޑްސް ލިސްޓް' ގައި ހިމެނޭ ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރުމަށެވެ.
ހަފުތާއެއް ތެރޭގައި އަލިފާނުގެ 7 ހާދިސާ ހިނގި: އެމްއެންޑީއެފް
އެކްސިޑެންޓްވި މީހާ ނިޔާވީ ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ