ކޮންމެ ދުވަހަކު އަޅުގަނޑުމެން ކުރާ ކަންތައްތަކާއި އުޅެވޭ ގޮތުގެ ސަބަބުން ބުރަކަށީގައި ރިހުމަކީ މިހާރު ކޮންމެ އުމުރެއްގެ މީހެއްގެ ވެސް ވަރަށް އާންމު ޝަކުވާ އެކެވެ.

އޮފީހުގައި ގިނައިރު އިށީނދެގެން އިނުމާއި، ކޮމްޕިއުޓަރު ނުވަތަ ފޯނަށް ބަލަން ގުދުވެގެން ތިބުމަކީ ބުރަކަށީގެ ކަށިތަކާއި މަސްތަކަށް ނުހަނު ބޮޑަށް ބާރުބޮޑުވާ ކަންކަމެވެ.

ސިއްހީ މާހިރުން ފާހަގަ ކުރައްވާ ގޮތުގައި، ބުރަކަށީގެ ރިހުމުން ސަލާމަތްވުމަށްޓަކައި ބޮޑެތި ބޭސްތައް ކެއުމުގެ ބަދަލުގައި، ދިރިއުޅުމުގެ ކުދިކުދި އާދަތަކަށް ބަދަލުތަކެއް ގެނައުން މާ މުހިއްމެވެ. މިގޮތުން ބުރަކަށީގެ ރިހުމަށް ލުޔެއް ހޯދުމަށްޓަކައި ޑޮކްޓަރުން ލަފާދެއްވާ މުހިއްމު ބައެއް އިރުޝާދުތަކުގެ ތެރޭގައި

1. އިށީނދެގެން އިންނަ ގޮތް ރަނގަޅުކުރުން

އޮފީހުގައި ނުވަތަ ގޭގައި މަސައްކަތްކުރާއިރު އިށީނދެގެން އިންނަ ގޮނޑި އާއި މޭޒުގެ އިންތިޒާމު ހުންނަން ޖެހޭނީ ހަށިގަނޑަށް ފަސޭހަ ގޮތަކަށެވެ. ގޮނޑީގައި އިށީނދެގެން އިންނައިރު ބުރަކަށި ސީދާކޮށް ބެހެއްޓުމާއި، ފައި ތަޅުންގަނޑުގައި ހަމައަށް ޖެހިފައި ބެހެއްޓުން މުހިންމެވެ. އަދި ކޮމްޕިއުޓަރު ސްކްރީން ހުންނަން ޖެހޭނީ ލޮލާ އެއްވަރެއްގަ އެވެ. އޭގެ ސަބަބުން ކަރުގެ ކަށިތަކަށް ކުރާ ބާރު ކުޑަކޮށްދެ އެވެ.

2. ފޯމް ރޯލާސް ބޭނުންކުރުން

ބުރަކަށީގެ މަސްތައް ހަރުވުމުން ނުވަތަ ވާންވުމުން ލުޔެއް ހޯދުމަށް 'ފޯމް ރޯލާ' ބޭނުންކޮށްގެން މަސްތައް ދޫކޮށްލެވިދާނެ އެވެ. ފޯމް ރޯލާއެއްގެ މަތީގައި އޮށޯވެލައިގެން ބުރަކަށި މަޑުމަޑުން ކޮއްޕާލުމަކީ މަސްތަކުގެ ލޭ ދައުރުވުން ރަނގަޅު ކޮށްދީ، ރިހުން ކުޑަ ކޮށްދޭ ކަމެކެވެ. ނަމަވެސް، މައިބަދައަށް ސީދާ ބާރުބޮޑުވާ ގޮތަށް މީގެ ބޭނުން ނުކުރުމަށް ޑޮކްޓަރުން އިރުޝާދުދެ އެވެ.

3. ނިދަން ބޭނުންކުރާ ގޮދަޑި ރަނގަޅު ކުރުން

އަޅުގަނޑުމެންގެ ދުވަހުގެ ތިންބައިކުޅަ އެއްބައި ހޭދަކުރަނީ ނިދުމުގަ އެވެ. އެހެންކަމުން ނިދަން ބޭނުންކުރާ ގޮދަޑިއަކީ ބުރަކަށީގެ ސިއްހަތާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. މާ މަޑު ނުވަތަ ހަރު ގޮދަޑިއެއް ބޭނުންކުރުމަކީ މައިބަދައިގެ ބައްޓަން ގެއްލި، ރިހުން އިތުރުވާ ކަމެކެވެ. އެންމެ އެކަށީގެންވަނީ ހަށިގަނޑަށް އެހީތެރިކަންދޭ، މެދު މިންވަރެއްގެ ހަރުކަމެއް ހުންނަ ގޮދަޑިއެކެވެ.

4. ގަވާއިދުން ހަރަކާތްތެރިވުން

ގިނައިރު އެއްތަނެއްގައި އިށީނދެގެން އިނުމަކީ ބުރަކަށީގެ ދުޝްމަނެކެވެ. ކޮންމެ 45 މިނެޓަކުން އެއްފަހަރު ތެދުވެ، ކުޑަކޮށް ހިނގާލައި، ހަށިގަނޑު ދަމާލަން ޖެހެ އެވެ. މީގެ އިތުރުން، ބުރަކަށީގެ މަސްތައް ވަރުގަދަކުރާ ކަސްރަތުތައް ކުރުމަކީ މައިބަދައަށް ލިބޭ ބާރު ވަރުގަދަ ކޮށްދޭނެ ކަމެކެވެ.

ބުރަކަށީގައި ރިހުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށް ނުލާށެވެ. ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމުންވެސް ރިހުން ކުޑަ ނުވާނަމަ ނުވަތަ ފައިން ވާގި ނެތުން ފަދަ އަލާމާތެއް ފެންނަނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންޖެހެ އެވެ.