ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގު (ސޯބެ) އައްޑޫ ބަހުރުވައިން އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރެއްވުމުން، އެ ސުވާލަށް މިނިސްޓަރު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފި އެވެ.

މިދިޔަ މަހުން ފެށިގެން މަޖިލީހުގެ ތަޅުމުގައި އާންމުކޮށް އަމިއްލަ ރަށުގެ ބަހުރުވައިން ވާހަކަދައްކަވަމުންދާ ސޯބެ މީގެ ކުރިން ހެލްތު މިނިސްޓަރު ގީލާ އަލީއާ ސުވާލުކުރެއްވުމުން، ބަސްތައް ދޭހަނުވާތީ ގީލާއަށް ޖަވާބު ދެއްވޭ ގޮތް ވަނީ ނުވެފަ އެވެ. އަދި އޭގެ ފަހުން ބޭއްވި ޖަލްސާއެއްގައި ވެސް ސުވާލުގެ މާނަ ސާފުކުރުމަށް އެހެން ފަރާތްތަކުގެ އެހީތެރިކަމަށް ހެލްތު މިނިސްޓަރު އެދިވަޑައިގަންނަވަން ޖެހުނެވެ.

މިއަދުގެ ޖަލްސާގައި ސޯބެ ވަނީ އައްޑޫގެ ބޯފެނުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން އައްޑޫ ބަހުރުވައިން މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ. އެގޮތުން ފެނަކައިގެ ފެން ޕްލާންޓަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ސާފު ބޯފެން ގަވާއިދުން ނުލިބޭ މައްސަލަ ދާއިމީކޮށް ހައްލުވާނީ ކޮންއިރަކުންތޯ އާއި، މަސައްކަތް ހުއްޓިފައިވާ ހިތަދޫ ހައުސިން ޔުނިޓުތަކުގެ މަޝްރޫއު އަލުން ފަށައި ނިންމާލެވޭނެ ތާރީހަކީ ކޮބައިތޯ އޭނާ އެއްސެވި އެވެ.

މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު --- ފޮޓޯ: މަޖިލިސް

މި ސުވާލުތަކަށް ޖަވާބު ދެއްވަން ފަށްޓަވަމުން މިނިސްޓަރު މުއްތަލިބު ވަނީ، އައްޑޫ ބަހުރުވައިން ކުރި ސުވާލަށް ޖަވާބު ދޭންވީ ހުވަދޫ ބަހުރުވައިންތޯ ސުވާލުކުރައްވައި، ހުވަދޫ ބަހުން ވާހަކަ ކުރިއަށް ގެންދަވާފަ އެވެ. އެ ބަހުރުވައިން މިނިސްޓަރު ފާހަގަކުރެއްވީ، އައްޑޫގެ ފެނުގެ ނެޓްވޯކާ ގުޅޭ މަސައްކަތްތަކަކީ ސޯބެ ކުރިން ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވިއިރު ހިނގާފައިވާ ކަންކަމަށް ވާތީ، އެތަނުގައި ހޮޅި އެޅުމާ ގުޅޭ ގޮތުން ނިންމި ނިންމުންތަކުގެ ޒިންމާ ކޮންމެވެސް ވަރަކަށް މެންބަރު ވެސް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންނަމަވެސް މިހާރު ދިމާވެފައިވާ ފެނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.