މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި ފެންމަތިވި ހިމަބިހީގެ 17 ކޭސްއާއެކު މި އަހަރުގެ މިހާތަަނަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 216 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މިހާތަނަށް 14،701 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފަ އެވެ.
އެޗްޕީއޭއިން ވަނީ ބަލީގެ ދެ ޑޯޒް ފުރިހަމަނުވާ މީހުންނާއި، ބަލިޖެހިފައިވާ މީހަކާ އެއްތަންވެފައިވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މާލެ ސަރަހައްދުގައި ދަމަނަވެށި (ޔޫޕީއެޗްސީސީ)، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން، އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކުގައި އާންމުކޮށް ވެކްސިން ދިނުމުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން:
- އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރު (ޔޫޕީއެޗްސީސީ): ހެނދުނު 08:30 އިން މެންދުރު 12:00 އަށް (އާދިއްތަ - ބުރާސްފަތި)
- ހުޅުމާލޭ ހޮސްޕިޓަލް: ހެނދުނާއި މެންދުރުފަހުގެ ދަންފަޅިތަކުގައި (ހުކުރު ފިޔަވައި ކޮންމެ ދުވަހަކު)
- ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލް: ކަނޑައެޅިފައިވާ ގަޑިތަކުގައި
ހިމަބިހީގެ އަލާމާތްތައް ފެންނަ ނަމަ، ނުވަތަ ބަލި މީހަކާ ކޮންޓެކްޓްވެފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ. ބަލީގެ މައިގަނޑު އަލާމާތްތަކަކީ ހުންއައުމާއެކު ގައިގައި ބިހި ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުމެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ފަހަކަށް އައިސް ބަލީގެ ކޭސްތައް ފެންނަ މިންވަރު މިވަނީ އިތުރުވެފަ އެވެ.
ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމައެއް ނުކުރި!
ބީއެމްއެލްގެ އެހީގައި ހިންގި ޕްރޮޖެކްޓްތަކެއް ނިންމާލައިފި
3 މިނިސްޓްރީ އެނދީ ކަރަންޓް ޝޯޓު ވެގެން: އިހުސާން