އެމެރިކާގެ އަމަލުތައް އިސްލާހުކޮށް، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ގަބޫލުނުކުރާހާ ހިނދަކު، ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އާ ސެކްރެޓަރީ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
އޭނާގެ މި ވާހަކަތަކުން ދޭހަވަނީ، އެ ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާ އެކު ކުރެވޭ މަޝްވަރާތަކުން އެއްބަސްވުމަކަށް އައި ނަމަވެސް، ޖޫން މަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު އެކުލަވާލި ފަހުމުނާމާގައިވާ ކަންކަމަށް އެމެރިކާ އަމަލުނުކުރާނަމަ، އާގުބޯޓުފަހަރަށް އެ ސަރަހައްދު ވަގުތުން ހުޅުވައިނުލާނެ ކަމެވެ.
"އެމެރިކާގެ އަމަލުތައް ބަދަލުކޮށް، އީރާނުގެ ޝަރުތުތަކަށް އެއްބަސްނުވާހާ ހިނދަކު ހޮރްމުޒް ކަނޑުއޮޅި އެއް ނުހުޅުވާނެ،" އީރާނުގެ ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީގެ އަރިސް ބޭފުޅެއް ކަމަށްވާ މުހްސިން ރޭޒާއީ ވިދާޅުވި ކަމަށް ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއިން ހަނގުރާމަ ހުއްޓާލައި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކުރަންޖެހޭނެ ކަމަށާއި، ލުބުނާނާއި ގައްޒާ ހިމެނޭހެން މުޅި ސަރަހައްދުގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނަން ޖެހޭނެ ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް މުދާ އުފުލުމާ ބެހޭގޮތުން އޮމާނާއެކު އެއްބަސްވުމަކަށް އައި ނަމަވެސް، އެއީ ކަނޑުއޮޅި ބަންދުކުރުމާ ގުޅުމެއް ނެތް ވަކި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ބަދަލު ހޯދުމަށް ޓްރަމްޕް ގޮވާލެއްވުން
އީރާނުގެ ސަލާމަތީ އަދި ބޭރުގެ ސިޔާސަތުތައް ވިލަރެސްކުރާ އިދާރާގެ ނައިބު ކަމަށް އާދިއްތަ ދުވަހު އައްޔަންކުރެއްވި ރޭޒާއީ ވިދާޅުވީ، މި ޝަރުތުތައް މެދުވެރިން މެދުވެރިކޮށް އެމެރިކާއަށް އަންގާފައިވާނެ ކަމަށެވެ. މީގެ އިތުރުން ޚާމަނާއީގެ މުޝީރެއް ކަމަށްވާ މުހައްމަދު މުހްބަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްތިއުމާރު ކުރާ ފަރާތްތަކަށް ދޭ އަދަބު ކުރިއަށްދާނެ ކަމަށާއި، އީރާނުގެ ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ކަނޑުއޮޅި ނުހުޅުވާނެ ކަމަށެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ވަނީ އުފުލިފަ އެވެ. އީރާނުގެ މި ވާހަކަތަކަށް ވޮޝިންޓަނުން ވަގުތުން ރައްދެއް ދީފައި ނުވި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާ ޝަރުތެއް ކުރިމަތި ކުރައްވާފަ އެވެ. އެއީ އެކި ހަނގުރާމަތަކާއި ހަމަލާތަކުގައި މަރުވި މީހުންގެ ބަދަލު އީރާނުން ދިނުމަށެވެ. އަދި އީރާނަކީ މަކަރުވެރި ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ޓްރަމްޕް ވިދާޅުވީ ފާއިތުވި 50 އަހަރު ތެރޭގައި އީރާނުން ދީފައިވާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެދޭނެ ކަމަށެވެ. އަދި ހަނގުރާމައިގައި އޮތް އެއް ގޮތަކީ އީރާނުގެ އިގްތިސާދު އިނދަޖެހެންދެން މަޑުކުރުން ނުވަތަ ވަރުގަދަ ހަމަލާއެއް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުން ކުރި އުންމީދު
މި މަސްލަހަތު ގޯސްވުމުގެ ކުރިން، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނާއި ގަތަރުން ވަނީ ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު ފާޅުކޮށްފަ އެވެ. ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވެފައިވަނީ ދެ ފަރާތުން ވެސް ކޮންމެވެސް ކަހަލަ އިންތިޒާމަކާ ގާތަށް އާދެވިފައިވާ ކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. މީގެ ރައްދުގައި އީރާނުން ދަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާދެމުންނެވެ.
ކަނޑުމަތީގެ ހަމަލާތައް
ދެ ފަރާތުގެ ބަހުގެ ހަމަލާތައް ވަރުގަދަވެފައިވާއިރު، އޮމާން ކަނޑާއި ރަތްކަނޑުގައި އާގުބޯޓުފަހަރަށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. އަންގާރަ ދުވަހު ޔަމަނުގެ ހޫތީން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި މިސްރުގެ މުދާ އުފުލާ ބޯޓެއްގެ ހަތަރު ފަޅުވެރިއަކު ވަނީ މަރުވެފަ އެވެ.
މީގެ އިތުރުން، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުމާ ހިލާފުވާން އުޅުނު ޕެނަމާގެ ބޯޓަކަށް އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ހަމަލާދީ އެ ބޯޓު ވަނީ ހުއްޓުވާފަ އެވެ. އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ވަދެ ނިކުތުން މަނާކުރީ އޭޕްރީލް މަހުގަ އެވެ. އަދި ޖޫން މަހުގެ ސުލްހައިގެ އެއްބަސްވުން އުވުމުން، ޖުލައި މަހު އަލުން އެ ފިޔަވަޅު ވަނީ ވަރުގަދަކޮށްފަ އެވެ.
ޝިޔާމާ ސުވާލުނުކުރެވޭނެ ކަމަށް ނިންމުމަށް ފަހު ފުރުސަތު ދީފި
މޯލްޑިވިއަނުން ޓްވިން އޮޓާގެ ދެ ބޯޓު ގަންނަނީ
ސީރިއަސް ސުލޫކީ މައްސަލަތަކެއް ސާބިތުވި، އަލުން ގާޒީކަން ދެނީ!
