ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ދޫކުރުމަށް، ހިއްސާދާރުންގެ "ޓެކްސް ރެޒިޑެންސީ ސްޓޭޓަސް" (ޓެކްސް ދައްކަންޖެހޭ ގައުމު)ގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށްފަހު، އެ މައުލޫމާތު އަޕްޑޭޓް ކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 55ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޭ ފައިދާއިން 10 ޕަސެންޓްގެ ރޭޓުން "ނޮން- ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް" އުނިކުރަން ޖެހެ އެވެ.

މީގެ އިތުރުން، ފައިދާ ދޫކުރާ ވަގުތު އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ނަމަ، އެ ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައްކަން ޖެހޭ ޓެކްސް އުނިކުރުމަށް ކުންފުންޏަށް ލާޒިމުކުރާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުންތަކެއް ބައިވެރިވަނީ. ފޮޓޯ: ދިރާގު

އެހެންކަމުން، ޓެކްސް ރެޒިޑެންސީ މައުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ ހިއްސާދާރުން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (MSD) ގެ ޕޯޓަލް https://infinity.mv މެދުވެރިކޮށް، ނުވަތަ، "ޝެއާހޯލްޑަ އިންފޮމޭޝަން ފޯމު" ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމަކީ ދިރާގުގެ ވަރަށް ބޮޑު އެދުމެކެވެ.