ޕޯޗުގަލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ގިނަ ދުވަސްވީ ބައިވެރިޔާ، މޮޑެލް އަދި އިންފްލުއެންސަރު ޖޯޖީނާ ރޮޑްރިގޭޒް ކައިވެނިކޮށްފި އެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރޮނާލްޑޯ އާއި ޖޯޖީނާގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕޯޗުގަލްގަ އެވެ.

މި ކައިވެނީގެ ހަބަރު ފެތުރިގެން ދިޔައީ، ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.

އެ ފޮޓޯއިން ފެންނަނީ ކައިވެނީގެ އަނގޮޓި އަޅައިގެން ތިބި ދެމީހެއްގެ އަތެވެ. ޕޯޗުގަލްގެ މީޑިއާތަކުން އަހަރުގެ ކައިވެނި ގޮތުގައި ސިފަކުރާ މި ހަފުލާ ބާއްވާފައިވަނީ މި އޯގަސްޓް މަހުގެ 11 ވަނަ ދުވަހު، ލިޒްބަންއާ ކައިރީގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކަސްކައިސްގަ އެވެ. މި ރަސްމިއްޔާތުގައި އެ މީހުންގެ ފަސް ދަރިން ވެސް ބައިވެރިވި ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ރޮނާލްޑޯ ހިއްސާކުރި މި ފޮޓޯ، އިންސްޓަގްރާމަށް ލީތާ އެންމެ 30 މިނެޓު ތެރޭގައި 3 މިލިއަނަށް ވުރެ ގިނަ ލައިކް ލިބިފައިވެ އެވެ.

https://www.instagram.com/p/Db6URBZAWgg/

މި ދެމީހުން އެކުގައި އުޅޭތާ މިހާރު 10 އަހަރު ވެއްޖެ އެވެ. އެމީހުން ފުރަތަމަ ބައްދަލުވީ ރޮނާލްޑޯ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރު، މެޑްރިޑްގައި ހުންނަ ގޫޗީ ފިހާރައަކުންނެވެ. އޭރު ޖޯޖީނާ މަސައްކަތް ކުރަމުން ދިޔައީ އެ ފިހާރައިގެ ސޭލްސް އެސިސްޓެންޓެއްގެ ގޮތުގަ އެވެ.

އެ މީހުން އެންގޭޖްވިކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު ޖޯޖީނާ ވަނީ ބޮޑު އަނގޮޓިއެއް ދައްކާލަމުން، ރޮނާލްޑޯގެ ހުށަހެޅުމަށް އާނއެކޭ ބުނިކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ގާތްގަނޑަކަށް 1,000 ގޯލު ޖަހާފަ އެވެ. އޭނާ ވަނީ ސްޕޯޓިން ލިޒްބަން، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެފަ އެވެ. މީގެ އިތުރުން، އޭނާއަކީ 6 ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ފިރިހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.