ގިނަ އަދަދެއްގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން އަދިވެސް ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ރާއްޖޭގައި ހިންގާ 180 އަށްވުރެ ގިނަ ރިސޯޓުގެ ތެރެއިން ގާނޫނާއި ގަވާއިދާ އެއްގޮތަށް ކޮމްޕްލަޔަންސް ފުރިހަމަކުރަނީ 66 ޕަސެންޓް ރިސޯޓުންނެވެ. އަދި އެތަންތަނުގެ ތެރެއިން ބޭންކުތަކަށް ޑޮލަރު މާރުކުރަނީ 70 ޕަސެންޓް ރިސޯޓުން ކަމަށްވާއިރު، ގާތްގަނޑަކަށް 60 ރިސޯޓަކުން އަދިވެސް އާމްދަނީގެ 20 ޕަސެންޓް ނުވަތަ ބޮލަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރެއް ނުކުރެ އެވެ.
ހަމައެއާއެކު ޑޮލަރު މާރުނުކޮށްގެން މިހާތަނަށް ތިން ރިސޯޓެއް ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ގެސްޓްހައުސް ސިނާއަތަށް ބަލާއިރު، ރާއްޖޭގައި ހުރި 940 އަށްވުރެ ގިނަ ގެސްޓްހައުސްގެ ތެރެއިން ބޭންކުތަކަށް ޑޮލަރު މާރުކުރަނީ އެންމެ 40 ޕަސެންޓް ނުވަތަ 370 ވަރަކަށް ތަނުންނެވެ. ބާކީ 560 އަށްވުރެ ގިނަ ގެސްޓްހައުސްއިން ޑޮލަރު މާރުނުކުރާއިރު، އެ ތަންތަން ނިޒާމުގެ ތެރެއަށް ވެއްދުމަށް ހޭލުންތެރިކުރުމުގެ މަސައްކަތް އެމްއެމްއޭއިން ދަނީ ކުރަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ހެދި ޓޫރިޒަމް އާމްދަނީ ދަށްވުމުގެ ސަބަބުން، މިދިޔަ އަހަރުގެ މިހާތަނަށް ބޭންކުތަކަށް 400 މިލިއަން ޑޮލަރު މާރުކުރި ނަމަވެސް، މި އަހަރު މާރުކޮށްފައި ވަނީ 390 މިލިއަން ޑޮލަރެވެ.
ކަން އެހެން އޮއްވައި އެމްއެމްއޭއިން ވަނީ ބޮލަކަށް 500 ޑޮލަރު މާރުކުރާ އުސޫލު އުވާލަން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ވެސް ހުށަހަޅާފަ އެވެ.
މަތިވެރީ ފިނޮޅަށް ފީ ދައްކައިގެން ނޫނީ ނޭރޭ ގޮތަށް އުސޫލެއް
އެމެރިކާއިން ޝަރުތުތަކަށް އެއްބަސްނުވާނަމަ ކަނޑުއޮޅި ނުހުޅުވާނެ
"ހަނގުރާމަ ނިންމަން ހުށަހެޅުންތަކެއް އެމެރިކާއަށް ފޮނުވައިފިން"