އއ. މަތިވެރީ ފަޅުތެރޭގައި އޮންނަ މަތިވެރީ ފިނޮޅަށް ކަނޑައެޅިފައިވާ ފީއެއް ދައްކައިގެން ނޫނީ ނޭރޭ ގޮތް ހަދައި، އެ ރަށު ކައުންސިލުން ޚާއްސަ އުސޫލެއް އާންމުކޮށްފި އެވެ.
ރީތި ބީޗަކާއި މޫދެއް އޮންނަ ތިން ހެކްޓަރުގެ މި ފިނޮޅަކީ މަތިވެރިއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. އެ ރަށުގެ ގެސްޓްހައުސްތަކާއި އެކްސްކާޝަން ސެންޓަރުތަކުން ފަތުރުވެރިންނަށް މި ފިނޮޅުގެ ރީތިކަން ވިއްކަމުންދާއިރު، ކައުންސިލުން މިހާރު ވަނީ އެތަނުން ޚިދުމަތް ހޯދުމުގައި ވަކި ގަވާއިދުތަކެއް ކަނޑައަޅާފަ އެވެ.
ކައުންސިލުން އެކުލަވާލި އުސޫލުގައިވާ ގޮތުން ކޮންމެ ހޮނިހިރު ދުވަހަކު މަތިވެރީ ފިނޮޅަށް އެރޭނީ ހަމައެކަނި ދިވެހިންނަށެވެ. އެ ދުވަހު ފަތުރުވެރިން އެ ފިނޮޅަށް އެރުން ވަނީ މަނާކޮށްފަ އެވެ.
އަލަށް ކަނޑައެޅި ފީތަކަށް ބަލާއިރު، ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 50 ރުފިޔާ އަދި ސަފާރީތަކުން އަންނަ ފަތުރުވެރިއެއްގެ އަތުން 100 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރިސޯޓުތަކުން އަންނަ ފަތުރުވެރިއެއްގެ އަތުން 150 ރުފިޔާ ނަގާއިރު، މަތިވެރީގައި އުޅޭ އެ ރަށުގެ ރައްޔިތުންނާއި ވާކްޕާމިޓް އޮންނަ ބިދޭސީންގެ އަތުން ނަގާނީ 10 ރުފިޔާ އެވެ. އަދި ރަށުން ބޭރުން އަންނަ ދިވެހިންނާއި ވާކްޕާމިޓް އޮންނަ ބިދޭސީންގެ އަތުން 25 ރުފިޔާ ނަގާއިރު، ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ފިނޮޅަށް އެރުން ވަނީ ހިލޭކޮށްދީފަ އެވެ.
ކޮންމެ ދުވަހަކަށް ވަކިން ނަގާ މި ފީތަކުގެ އިތުރުން، ގެސްޓްހައުސްތަކާއި އެކްސްކާޝަން ސެންޓަރުތަކަށް ޚާއްސަ ޕެކޭޖުތަކެއް ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން ގެސްޓްހައުސްތަކަށް ފަންސާސް މީހުންގެ ޕެކޭޖެއް 2000 ރުފިޔާއަށް އަދި ރިސޯޓުތަކަށް 150 މީހުންގެ ޕެކޭޖެއް 15،000 ރުފިޔާއަށް ލިބޭނެ އެވެ. އެއް މަސްދުވަހުގެ މުއްދަތަށް ދޫކުރެވޭ މި ޕެކޭޖުތަކުގެ ދަށުން ކަނޑައެޅިފައިވާ އަދަދަށް މީހުން ފިނޮޅަށް އެރުވޭނެ އެވެ.
އޭގެ އިތުރުން، އަގު ދައްކައިގެން އެކި ކަހަލަ ހަފުލާތައް ބޭއްވުމަށްޓަކައި ހަތަރު ގަޑިއިރަށް 8000 ރުފިޔާއާއި 15000 ރުފިޔާއާ ދެމެދުގެ އަގަކަށް ފިނޮޅު ކުއްޔަށް ދޫކުރުމަށްވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ. އެފަދަ ހަފުލާއެއް ހިނގަމުންދާ ވަގުތުތަކުގައި އެހެން ބަޔަކު އެ ފިނޮޅަށް އެރުން މަނާވާނެ އެވެ.
މި އުސޫލުގެ ދަށުން ފިނޮޅުގައި ކުރުން މަނާ ކަންތައްތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެއިން ކަމެއް ކޮށްފިނަމަ 50،000ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
މަތިވެރީ ފިނޮޅަކީ 2014 ވަނަ އަހަރު ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އަމިއްލަ ފަރާތަކަށް 50 އަހަރަށް ކުއްޔަށް ދީފައި އޮތް ތަނެކެވެ. ނަމަވެސް، ނިމިދިޔަ ސަރުކާރުގެ ދައުރުގައި ވަނީ އެ ފިނޮޅު މަތިވެރީ ކައުންސިލުގެ އިހްތިސޯސުގެ ތެރޭގައި ހިމަނައިދީފަ އެވެ.
"އޯއާރްއެސް"ގެ ހަގީގަތް: އެއީ ބޭރަށް ހިންގުމަށް އޮތް ހައްލެއްތަ؟
ޝިޔާމާ ސުވާލުނުކުރެވޭނެ ކަމަށް ނިންމުމަށް ފަހު ފުރުސަތު ދީފި
އަލުން މަސްތުގެ ވަބާއަށް ހުށައެޅުނު ކަމަށް ބްރެޑް ބުނެފި
