ހޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ބްރެޑް ޕިޓް ވަނީ އޭނާގެ އާއިލީ ދިރިއުޅުމުގައި ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއި، ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީއާއެކު ހިނގި ވަރީގެ މައްސަލައިގެ ތެރޭގައި ނަފްސާނީ ގޮތުން ކުރިމަތިވި އުނދަގޫ ދުވަސްތަކުގެ ވާހަކަ ހާމަ ކޮށްފަ އެވެ.

އޭނާގެ ދިރިއުޅުމުގެ އެންމެ އަނދިރި ދުވަސްވަރުގެ މައްޗަށް އަލި އަޅުވާލަމުން ބްރެޑް ބުނީ، އެ ދުވަސްވަރު އޭނާއަށް ކުރިމަތިވި ނަފްސާނީ އަދި ޖަޒުބާތީ ފިއްތުންތަކުގެ ސަބަބުން ދިރިއުޅުން މަތިން ފޫހިވި ކަމަށެވެ.

އާއިލީ ގުޅުންތައް ބޮއްސުން ލައިގެން ދިޔަ ދުވަސްވަރު ސިކުނޑިއަށް ބާރުބޮޑުވެ، ދިރިއުޅުމުން ސަލާމަތްވާނެ އެއްވެސް މަގެއް ނުފެނި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުތައްވެސް ސިކުނޑިއަށް އައި ކަމަށް ބްރެޑް ވަނީ އެއްބަސްވެފަ އެވެ.

އެހާ ބޮޑު މަޝްހޫރުކަމަކާއި ކާމިޔާބީއެއް ލިބިފައިވީ ނަމަވެސް، އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވި މި ބޮޑު ތޫފާނުގެ ތެރޭގައި އޭނާއަށް ވަނީ ވަރަށް ބޮޑު އެކަނިވެރިކަމެއް އިހުސާސްކުރަން ޖެހިފަ އެވެ.

މި ނަފްސާނީ އަނދިރިގަނޑުގެ ތެރޭގައި އުޅެން ޖެހުމުގެ ސަބަބުން، ވޭތުވެދިޔަ ހަތް އަހަރު ދުވަހު ރަލާ ދުރުގައި ހުރުމަށްފަހު އަލުން އެ ވަބާގެ ތެރެއަށް އޭނާއަށް އެނބުރި ދެވުނު ކަމަށްވެސް ޕިޓް ހާމަކުރި އެވެ.

ރަލުގެ އަވާގައި އަލުން ޖެހެން މެދުވެރިވީ އޭރު ކުރިމަތިވި ނަފްސާނީ ހިތްހަމަ ނުޖެހުންތަކާއި، ދިރިއުޅުމުގެ ކަންކަން ކޮންޓްރޯލުން ނައްޓައިގެން ދިއުމުން ކަމަށް އޭނާ ބުންޏެވެ.

އެންޖެލީނާއާއެކު އުފެދުނު ގާނޫނީ ބަހުސްތަކާއި، ދަރިންގެ ބަލަދުވެރިކަން ހޯދުމަށް ކުރެވުނު ދިގު މުއްދަތުގެ ހަނގުރާމައިގެ ސަބަބުން މުޅި އާއިލާއަށްވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރިކަމަށް އޭނާ ފާހަގަކުރި އެވެ.

މި މައްސަލަތަކުގެ ތެރެއިން އޭނާގެ ކުދިންނާ އޮތް ގުޅުމަށްވެސް ބޮޑެތި ބުރޫތަކެއް އަރައި، އެކަމުގެ ހިތާމަ ވަރަށް ބޮޑަށް އުފުލަން ޖެހުނު ކަމަށް ބްރެޑް ބުންޏެވެ.

ނަމަވެސް، މިހާރު އޭނާ އަންނަނީ އަމިއްލަ ނަފްސު އިސްލާހުކޮށް، ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަން ދީގެން އާ ފެށުމަކުން ދިރިއުޅުން ބައްޓަން ކުރަން މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެކަނިވެރިކަމުން އަރައިގަނެ، އެހީތެރިކަން ހޯދައިގެން އަމިއްލަ ސިއްހަތާއި ނަފްސާނީ ހަމަޖެހުމަށް އިސްކަން ދީގެން ކުރިއަށްދާން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

ބްރެޑްގެ މި ވާހަކަތަކާއެކު ހޮލީވުޑްގެ ސެލެބްރިޓީންނަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތަކާއި، ކޮންމެ މީހަކަށްވެސް ދިރިއުޅުމުގައި މިފަދަ އަނދިރި ދުވަސްތަކާ ކުރިމަތިލާން ޖެހިދާނެކަން މުޅި ދުނިޔެއަށް ވަނީ ހާމަވެގެން ގޮސްފަ އެވެ.