ރަޝިޔާއާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށް އާ ހުށަހެޅުންތަކެއް އެމެރިކާއަށް ފޮނުވާފައިވާ ކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ މިކަން ހާމަކުރެއްވީ އެމެރިކާގެ މެދުވެރިން ވަރަށް އަވަހަށް ޔޫކްރޭނާއި ރަޝިޔާއަށް ޒިޔާރަތްކުރާނެ ކަމުގެ އިޝާރާތްތަކެއް ދެ ގައުމުން ވެސް ދީފައިވާ ދަނޑިވަޅެއްގަ އެވެ.
އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރޭނުގެ ހުށަހެޅުންތައް އެމެރިކާއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި ޔޫކްރޭނުގެ ދިފާއީ ނިޒާމު، ހާއްސަކޮށް ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އެމެރިކާއަށް އެހީތެރިވެދެވޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި ހުށަހެޅުންތަކުގެ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
ދެހާސްބާވީސް ވަނަ އަހަރު ފެށުނު މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތައް މަޑުޖެހިފައި ވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އެމެރިކާގެ މެދުވެރިން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ އެންމެ ފަހުން މޮސްކޯއަށް ޒިޔާރަތްކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހު ކަމަށްވާއިރު، އެ ބޭފުޅުން އަދި ކީވްއަށް ވަޑައިގެންފައެއް ނުވެއެވެ.
ޔޫކްރޭނުން ދަނީ ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް އެދެމުންނެވެ. ރަޝިޔާއިން ވެސް ހައްލެއް ބޭނުންވާ ކަމަށް ބުނި ނަމަވެސް، އެ ގައުމުން ޝަރުތުކުރަނީ ރަޝިޔާއިން ހިފާފައިވާ ޔޫކްރޭނުގެ ހަތަރު ސަރަހައްދެއް އެއްކޮށް ދޫކޮށްލުމަށާއި ހަނގުރާމަ ފެށެން މެދުވެރިވި އަސްލު ސަބަބުތަކަށް ހައްލެއް ހޯދުމަށެވެ.
އެމެރިކާއިން ޝަރުތުތަކަށް އެއްބަސްނުވާނަމަ ކަނޑުއޮޅި ނުހުޅުވާނެ
ފުނައްޑޫ މަސް ފެކްޓްރީ ޑިސެމްބަރު މަހު ހުޅުވަނީ