ވާރޭ މޫސުމުގެ ފިނިކަމާއެކު ޖައްވުގައި ތެތްކަން އިތުރުވުމުގެ ސަބަބުން، ތަފާތު ޖަރާސީމުތަކާއި ބެކްޓީރިއާތައް އާލާވުމަށް މަގުފަހިވެ އެވެ.
މި މޫސުމުގައި ލޮލުގެ އެކި ކަހަލަ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ބޮޑުވާއިރު، ލޯ ރަތްވުމާއި، ކެހުމާއި، އަދި ލޮލުން ފެން އައުމަކީ އާންމުކޮށް ފެންނަ އަލާމާތްތަކެކެވެ.
ލޮލުގެ ހާއްސަ ޑޮކްޓަރުން ވަނީ މި ދުވަސްވަރު ސަމާލުވާންޖެހޭ މުހިންމު 5 އިންފެކްޝަނެއް ހާމަ ކުރައްވާފަ އެވެ.
1. ކޮންޖަންކްޓިވައިޓިސް (ލޯ ރަތްވުން / ޕިންކް އައި)
މިއީ ވާރޭ މޫސުމުގައި އެންމެ އާންމުކޮށް ފެތުރޭ ލޮލުގެ އިންފެކްޝަނެވެ. ވައިރަސް ނުވަތަ ބެކްޓީރިއާގެ ސަބަބުން ޖެހޭ މި އިންފެކްޝަންގެ ސަބަބުން ލޯ ރަތްވެ، ކަހައި، އަދި ލޮލުން އޮލަކޮށް ފެން އުފެދެ އެވެ. މިއީ ވަރަށް ހަލުވިކަމާއެކު ގައިން ގަޔަށް އަރާ ފެތުރޭ ބައްޔެކެވެ.
2. ސްޓައި (ލޮލުގައި ކުދި ބޮނޑިލުން)
ލޮލުގެ އެސްފިޔަ ފަޅާ ހިސާބުގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑްތަކުގައި ޖަރާސީމު އަށަގަތުމުން ލޮލުގައި ކުޑަ ބިއްސެއްގެ ސިފަޔަށް ދުޅަވުމެއް އުފެދެ އެވެ. މީގެ ސަބަބުން ލޮލުގައި ތަދެއް ހުރެ، ރަތްވެ، ދުޅަވުން ކުރިމަތިވެ އެވެ.
3. ކޯނިއަލް އަލްސާ (ލޮލުގެ ކަޅު ކަޅިއަށް ޖެހޭ އިންފެކްޝަން)
މިއީ ލޮލުގެ ކަޅު ކަޅީގައި އުފެދޭ ފާރެކެވެ. ވާރޭ ފެން ލޮލަށް އެޅުމުން ނުވަތަ ކޮންޓެކްޓް ލެންސް ބޭނުން ކުރުމުގައި ސާފުތާހިރުކަން ކުޑަވުމުން ޖަރާސީމު ނުވަތަ ފަންގަސްގެ ސަބަބުން މިކަން ކުރިމަތިވެ އެވެ. މިއީ ވަގުތުން ފަރުވާ ނުދީފިނަމަ ލޮލުގެ ފެނުމަށް ބޮޑު އަސަރެއް ކޮށްފާނެ ނުރައްކާތެރި ހާލަތެކެވެ.
4. ޑްރައި އައި ސިންޑްރޯމް (ލޯ ހިކުން)
ވިއްސާރަ މޫސުމުގައި ވައިގެ ނުސާފު ކަމާއި، ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ލޮލުގައި ހުންނަ ތެތްކަން މަދުވެ، ލޯ ހިކޭ ގޮތްވެ އެވެ. މީގެ ސަބަބުން ލޮލުގައި ދިލަ ނެގުމާއި އާދަޔާ ހިލާފަށް ލޮލުން ފެން އަންނަ ގޮތްވެ އެވެ.
5. ބްލެފަރައިޓިސް (އެސްފިޔަ ދުޅަވުން)
މިއީ އެސްފިޔަތައް ފަޅާފައި ހުންނަ ހިސާބު ދުޅަވެ، ރަތް ވުމެވެ. ޖައްވުގައި ހުންނަ ނުސާފު ކަމާއި ތެތްކަމުގެ ސަބަބުން އެސްފިޔަ ކައިރީގައި ޖަރާސީމު އުފެދި ލޯ ކެހުމާއި، ދިލަ ނެގުން ކުރިމަތިވެ އެވެ.
މިފަދަ އިންފެކްޝަންތަކުން ރައްކާތެރި ވުމަށްޓަކައި، ގަވާއިދުން ސައިބޯނި ލައިގެން އަތް ދޮވުމާއި، ނުސާފު ވާރޭ ފެނުން ލޯ ރައްކާތެރި ކުރުމާއި، އަދި ލޮލުގައި އަތް ނުލުމަށް ސަމާލުކަން ދޭން ޖެހެ އެވެ
ލޮލަށް އެއްވެސް އުނދަގުލެއް ކުރިމަތިވެއްޖެނަމަ، އަމިއްލައަށް ބޭސް ބޭނުން ކުރުމުގެ ބަދަލުގައި ލަސްނުކޮށް ލޮލުގެ ޑޮކްޓަރަކަށް ދެއްކެވުން މުހިއްމެވެ.
"އޯއާރްއެސް"ގެ ހަގީގަތް: އެއީ ބޭރަށް ހިންގުމަށް އޮތް ހައްލެއްތަ؟
މަޖިލީހުގެ މި ދައުރު ވެސް ދަންމާލަނީ