ޑޮލަރުގެ އަގު 23ރ. އަށް މައްޗަށް ގޮސް، ރާއްޖޭގައި ހައިޕާ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް ދިއުމުގެ ކުރިން އިދިކޮޅު އެމްޑީޕީއާ އެކު މަޝްވަރާގެ މޭޒަށް އައުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓު މަތިވަނީ މީޑިއާތަކުގެ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވުމުން، ނަޝީދު ވަނީ އެއީ ހަގީގަތް އޮޅުވާލުން ކަމަށް ސިފަކުރައްވާފަ އެވެ.
އެމަނިކުފާނު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދަނީ ބާޒާރުގައި ޑޮލަރު ނެތުމުން ކަމަށެވެ. އަދި އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީން ގަވާއިދުން ނެރެންޖެހޭ ރިޕޯޓުތައް އާންމުނުކޮށް ސަރުކާރަށް ހަގީގަތް އޮޅުވާލެވޭނީ ވަކި މިންވަރަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ސަރުކާރުން ކިބުރުވެރިކަން އިސްނުކޮށް، ހައިޕާ އިންފްލޭޝަނަކަށް ދިއުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ގޮވާލެއްވި އެވެ.
މި މައްސަލައިގައި އެމްޑީޕީގެ އިސް ބޭފުޅުންގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެ، ޑޮލަރުގެ އަގު 22.10ރ. އަށް އެރުމުން ޓިކްޓޮކް ހަދައިގެން ބޭކާރު ވާހަކަ ނުދައްކަވައި، ސަރުކާރުގެ މިނިސްޓަރުން އެމްޑީޕީއާއެކު ބަހުސަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ. މީގެ އިތުރުން، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވަނީ އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރުމަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.
ކެއުމަށްފަހު ހެދޭ ގޯހަކުން ލޭގެ ހަކުރުގެ މިންވަރު މަތިވޭ!
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް
ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއް، 100 އަށްވުރެ ގިނަ މަރު