ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވެ، މިއަދު އަޑިއަށް ހިނގައްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކ. ގިރިފުށި ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ. މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ލޯންޗު ވަރަށް ބޮޑަށް ދިޔަވަމުންދާ މަންޒަރު ފެނެއެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏެއް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ލޯންޗު އަޑިއަށް ދިއުމުގެ ކުރިން އޭގައި ތިބި މީހުން ވަނީ ކައިރި ކުރި ދޯންޏަށް ބަދަލުކޮށްފަ އެވެ. ލޯންޗުގައި ތިބި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. މީހުން ދޯންޏަށް އަރުވައި ނިމުނުތާ މާގިނަ އިރުތަކެއް ނުވެ، ލޯންޗު އެއްކޮށް އަޑިއަށްދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ރަސްމީ ބަހެއް ބުނެފައިނުވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފަ އެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރައްވަ އެވެ.
ގަސް ހެއްދުން: އުމުރު ދިގުވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް!
"ތަހުގީގުގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅައިފިން"