ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް އިދިކޮޅު އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުން ބަހަނާއަކަށްފަހު ބަހަނާއެއް ދައްކަން ފަށައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ވަނީ މިކަމުގެ ތަފްސީލު ދެއްވާފަ އެވެ.
މައުރޫފް ވިދާޅުވީ އެކި ބަހަނާތައް ދެއްކުމަށްފަހު މިހާރު ތިން ފަހަރު އެ މައްސަލަ ރިޖެކްޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އެމްޑީޕީން އެ ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
މައުރޫފް ވިދާޅުވީ، އެ ފޯމުގައި ހުރި ބައެއް ކަންކަން އިސްލާހު ކުރުމަށް މިދިޔަ މަހު 26 ގައި އެންގި ކަމަށެވެ. އެގޮތުން އެފަހަރު އެންގި ކަންތައްތަކަކީ އެމްޑީޕީގެ ރަޖިސްޓްރީގެ ކޮޕީއަކާއި އެ ޕާޓީގެ ފަރާތުން މައްސަލަ ހުށަހަޅާއިރު ސޮއިކުރަން ހުއްދަ އޮންނަ ފަރާތް ކަނޑައަޅާފައި އޮތް ގަރާރު ފަދަ ރަސްމީ ލިޔުންތަކުގެ ސާފު ކޮޕީއެއް ހުށަހެޅުމަށެވެ. އެކަމަކު އޭރު އޮންނަނީ އެ ކޮޕީތައް ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެއީ މައްސަލަ ބަލައިނުގަތުމަށް ގަސްތުގައި ސިވިލް ކޯޓުން ދެއްކި ބަހަނާއެއްކަން އެނގެ އެވެ.
ސިވިލް ކޯޓުގެ އެންގުމަށް ހަމަ އެ ދުވަހު އެ ލިޔުންތައް އަލުން ސްކޭންކޮށް ކޯޓަށް ހުށަހެޅި ކަމަށް މައުރޫފް ވިދާޅުވި އެވެ. ދެން އެންގީ އަނެއްކާވެސް އިތުރު ކަމެއް އިސްލާހު ކުރުމަށެވެ. މި މަހު ފަހެއްގައި އިސްލާހު ކުރުމަށް އެންގީ ހުށަހަޅާފައިވާ މައްސަލަ ހިނގިކަން އަންގައިދޭ ހެކިބަހުގެ ބަޔާނެއް ހުށަހެޅުމަށެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ކަމެއް ނުހިނގާ ކަން ކަމަށާއި، އެ ހާލަތުގައި ކަމެއް ނުހިނގާކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ މައްސަލަ ރައްދުވާ ފަރާތުގެ ކިބައިގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ކޯޓުން މިފަހަރު އަމަލުކޮށްފައިވަނީ މައްސަލަތަކުގައި މީގެކުރިން އަމަލުކުރާ ގޮތާ ޚިލާފަށް ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ފުރަތަމަ އަޅުގަނޑުމެން ފޯމު ހުށަހެޅީމަ އިސްލާހުކުރަން ކަންކަން ހުރި ނަމަ، ހުރިހާ ކަމެއް އެއްފަހަރާ އެންގެވިނަމަ ފަސޭހަވީސް. ނަމަވެސް، ފަހަރަކު ކަމެއް މި އަންގަވަނީ. މިގޮތަށް ތިން ފަހަރެއްގެ މަތިން ސިވިލް ކޯޓުން މިހާރު ވަނީ ރިޖެކްޓުކޮށްފައި،" މައުރޫފް ވިދާޅުވި އެވެ.
ސަރުކާރުން ކޯޓުތަކަށް ނުފޫޒުފޯރުވާކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރިގޮތަށް ބެލިޔަސް ހާމަވެ އެވެ. މި މައްސަލައިން ވެސް އިތުރަށް ހާމަވަނީ ސަރުކާރުގެ ނުފޫޒު ޝަރޫއީ ދާއިރާއަށް އޮތް މިންވަރެވެ. ސަބަބަކީ ރައީސް މުހައްމަދު މުއިއްޒު ނަގަން އުޅޭ ވޯޓަކާ ދެކޮޅު މައްސަލައެއް ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިނުގަތުމަށް ބަހަނާއަކަށްފަހު ބަހަނާއެއް ދައްކާތީ އެވެ.
ދައުވާ ފޯމުގައި މައްސަލައެއް ހުރިނަމަ އިސްލާހުކުރަންވީ ކަންކަން އަންގަންޖެހޭނީ އެއްފަހަރާއެވެ. އިރުއިރުކޮޅާ ކަންކަން އިސްލާހުކުރަން އެންގުމަކީ ކޯޓުން އެ މައްސަލަ ކުރިއަށްދިޔަ ނުދޭން ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުން ކުރާ ކަމުގެ ހެއްކެކެވެ.

ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
ރޯދަ މަލާފަތް: އިހު ދިވެހިންގެ ސާގު ކަނދި ރޯދަ ސުފުރާތަކަށް!
އައްޑޫގެ ތަރައްގީއަށް އެހީވާން ބީއެމްއެލް ތައްޔާރު: ޝަރީފް
