މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ވެސް ހަވާސާކޮށްފައި ތިބި ފަރާތްތަކަށް ހާއްސަ އިސްކަން ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މާލޭގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ގާއިމުކުރި ފުރަތަމަ އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެކި މަޝްރުއޫތަކުގެ ދަށުން ގޯއްޗާއި ފްލެޓު ދޭއިރު، މުޖްތަމައުގައި ހަވާސާވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް، ޝަރުތުތަކާއި ސްކީމްތައް އެކުލަވާލަވާލުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.

"އެއީ ގެދޮރުވެރިކަމުގެ އެކިކަހަލަ ފަންތިތައް، ގިންތިތައް ކަނޑައަޅެޅުމާ ބެހޭ ބިލެއް. މި ބިލު ފަރުމާކުރެވިގެންދާއިރު މީގައި މި އޮންނަނީ މި ދެންނެވި ގޮތަށް. އިސްރަށްވެހިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ހަމަ ގެދޮރުގެ ދަތިކަން. ހާއްސަ ސަމާލުކަން ދެވިގެން ކުރިއަށް އޮތްތަނުގައި ގެދޮރުގެ އެކި މަޝްރޫޢުތަކުގައި މި ސަމާލުކަން ދެވިގެން އެމީހުންނަށް ފުރުސަތު ވަރަށް ބޮޑަށް ލިބޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ މުޖުތަމައުގައި ހަވާސާވެ އެހީތެރިކަން ބޭނުންވާ މީހުންގެ ރަނގަޅު ފެންވަރުގެ ދަފްތަރެއް ޤާއިމްކޮށްފައި ނެތުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީ ފޯރުކޮށްދިނުމަށްޓަކައި ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައިފަ އެވެ. އެހެންނަމަވެސް މިހާރު ގައުމީ ފެންވަރުގައި އެ ދަފްތަރު ފުރިހަމަކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށާއި، މިއާއެކު އަޅާލުން ބޭނުންވާ ހުރިހާ އެންމެން ފަސޭހައިން އެނގޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މަރުކަޒުތައް ވެސް މިހާތަނަށް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި އެވެ. އެތަންތަނަށް ދަައުލަތުގެ ބަޖެޓުން ހަރަދުކުރީ ވެސް ވަރަށް ކުޑައެއްޗެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިސްރަށްވެހިންނާއި، މުޖުތަމަޢުގައި ހަވާސާކޮށްފައި ތިބި މީހުނަށް ސަމާލުކަން ދޭނަން. ނުކުޅެދުންތެރިކަން ހުރި ކުދިންގެ މަރުކަޒުތައް މިހާތަނަށް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި. ބަޖެޓުން ވެސް ހަރަދުކުރެވެނީ ވަރަށް ކުޑައެއްޗެއް. މިކަންކަން ރަނގަޅު ކުރެވިގެން އޯގާތެރި މުޖުތަމަޢުއެއް ގާއިމްކުރުމަކީ އަމިއްލަ ވަންތަކަމުގެ އައިޑެންޓިޓީއާއެކު ކުރިއަށް ދާން ބޭނުންވާނަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް." ރައީސް ވިދާޅުވި އެވެ.

އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ހިދުމަތްތަކެއް ހިމެނޭ ގޮތަށް މަރުކަޒުތަކެއް ގާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ