މީގެ 16 އަހަރު ކުރިން އެމްޑީޕީ އުފެދުނު މަގުސަދު އެ ޕާޓީއަށް އޮޅިފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވީ އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއް އުފެދިގެން އެބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކެއް ދެމުން އަންނަ ވަގުތެއްގައި އެވެ.

އެގޮތުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން ސަރުކާރު އެ ހަމަލާ ރަނގަޅަށް ތަހުގީގް ނުކުރާ ކަމަށާއި މިހާރު މަޖިލީހަށް ސަރުކާރު ފަރާތުން ހުށަހެޅި "ނަފްރަތު" ބިލު ދިފާއުގައި ވާހަކަ ނުދައްކަވާ ކަމަށެވެ. މި ސަބަބުތަކާ ހެދި ރައީސް ސޯލިހަށް މިހާރު ތާއީދު ކުރެވެން ނެތް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެ ބޭފުޅުންގެ މެދުގައި ވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވެ އެވެ.

ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށާއި، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީ ތެރޭގައި އޮތް ހިޔާލު ތަފާތުތުތަކަށް ފާޑުވިދާޅުވަމުން ސިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މީގެ 16 އަހަރުކުރިން އެމްޑީޕީ ހޯދަން ނިކުތް އެތި މިއަދު އެމްޑީޕީއަށްވެސް އޮޅިފައިވާކަމށެވެ. އެކަން އެމްޑީޕީގެ އެންމެ އިސް ފަރާތްތަކަށާއި، އާންމު މެންބަރުންނަށްވެސް އެނގޭނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޔަޤީނުންވެސް 16 އަހަރު ފަހުން މިލިބުނީ ހޯދަން މަސައްކަތްފެށި އެތި ނޫންކަން އެމްޑީޕީގެ މަތިފަޑިން ފެށިގެން ޢާންމު މެންބަރަށްވެސް އެނގޭނެ." ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ސީޔާމް ވިދާޅުވި އެވެ.

އެމްޑީޕީއިން ބުރަ މަސައްކަތުން ހޯދާފައިވާ ވެރިކަން ދިފާއު ކުރުމަކީ ޕާޓީގެ އެންމެ މުހިއްމު މަގުސަދަށް ވާންޖެހޭ ކަމަށް އެމްޑީޕީ މެމްބަރު ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދަށް ވަފާތެރި މަޖިލިސް މެމްބަރުން ވަނީ އަސްލަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވަކި އެއްޗެއް ބުނުމުން އެކަމަށް ރައްދު ދިނުމާއި ފާޑުކިޔުމަކީ އެމްޑީޕީގެ މެމްބަރުން ކުރަންޖެހޭ ކަމަށް ނޫން ކަމަށްވެސް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.