ދުނިޔޭގެ އެންމެ އަގު ބޮޑު ގޮނޑުދޮށްތަކުގެ ރޭންކިންއެއްގައި ރާއްޖޭގެ އދ. ދިގުރަށް، ދުނިޔޭގެ ގަދަ 10 އެއްގައި ހިމެނި ބޮޑު ސަމާލުކަމެއް ހޯދައިފި އެވެ.
ލަގްޒަރީ ވިލާ ހޮލިޑޭ ސްޕެޝަލިސްޓެއް ކަމަށްވާ "ސީވީ ވިލާސް" އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން، ދިގުރަށުގެ ހިތްގައިމު ދޮންވެލި ތުނޑީގެ އަންދާޒާކުރެވޭ އަގަކީ 2.9 ބިލިއަން ރުފިޔާ (187.6 މިލިއަން ޑޮލަރު) އެވެ. މި އަގާއެކު ދިގުރަށް ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ބީޗުތަކުގެ ރޭންކިންގެ އަށްވަނަ ހޯދާފަ އެވެ.
މި ރޭންކިންއަށް ބަލާއިރު، ދިގުރަށުގެ ގޮނޑުދޮށް ވަނީ ދުނިޔޭގައި ނަން މަޝްހޫރު ބައެއް ބީޗުތަކަށް ވުރެ ކުރި ހޯދާފަ އެވެ. އޭގެ ތެރޭގައި ކޭމަން އައިލެންޑްސްގެ "ސެވަން މައިލް ބީޗް" އާއި ބްރެޒިލްގެ ރިއޯ ޑި ޖަނޭރޯގައި އޮންނަ މަޝްހޫރު "ކޮޕަކަބާނާ ބީޗް" ހިމެނެ އެވެ.
ސީވީ ވިލާސްއިން މި ދިރާސާ ތައްޔާރުކޮށްފައި ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ގޮނޑުދޮށްތަކަކީ އަމިއްލަ މިލްކިއްޔާތެއްގެ ގޮތުގައި ގަނެވޭނެ ބިންތަކެއް ކަމަށް ބަލައި، އެތަންތަނުގެ އަގުތައް އަންދާސާކޮށްގެންނެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު 15 ބީޗުގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ހަމައެކަނި ތަނަކީ ވެސް ދިގުރަށެވެ. ދިގު ދޮންވެލި ތުނޑިއަކާއި ގުދުރަތީ ރީތިކަމެއް ލިބިފައިވާ ދިގުރަށަކީ ފެހުރިހި ބަލާލުމަށް ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. މީގެ އިތުރުން އެ ރަށަކީ ގެސްޓްހައުސް ޓޫރިޒަމާއި، ޑައިވިން އަދި މޫދު ކުޅިވަރުތަކަށް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ.
މި ރޭންކިންގެ އެންމެ ކުރީގައި އުޅެނީ 1.2 ބިލިއަން ޑޮލަރުގެ އަންދާސީ އަގެއް ދީފައިވާ އެމެރިކާގެ ފްލޮރިޑާގައި އޮންނަ "ސިއެސްޓާ ބީޗް" އެވެ. ދެވަނައިގައި 971 މިލިއަން ޑޮލަރާއެކު ފްރާންސްގެ "ޕަމްޕެލޯން ބީޗް" ހިމެނޭއިރު، ތިންވަނަ ލިބެނީ 660 މިލިއަން ޑޮލަރުގެ އަގަކާއެކު ޕޯޗުގަލްގެ "ޕްރާޔާ ދަ ފަލޭސިއާ" އަށެވެ.
ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން ނުފެނޭ
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ