މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ގެ މުވައްޒަފުންގެ އަދަދު އިތުރުވެ، މުސާރައަށް ކުރާ ހޭދަ އަހަރަކު 400 މިލިއަން ރުފިޔާއަށް އަރާފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'އަދަދު' ނޫހުން ކުރި ސުވާލުތަކަކަށް އެ ކުންފުނިން ދީފައިވާ ރަސްމީ ޖަވާބުތަކުންނެވެ. އެޗުޑީސީގެ މައުލޫމާތަށް ބަލާއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ދުވަސްކޮޅުން ފެށިގެން މިހާތަނަށް މުވައްޒަފުންގެ އަދަދަށާއި މުސާރައިގެ ހަރަދުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

އެޗުޑީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 16 ނޮވެމްބަރު 2023 ގެ ނިޔަލަށް ކުންފުނީގައި ތިބީ 2,141 މުވައްޒަފުންނެވެ. 2024 ވަނަ އަހަރު ނިމުނުއިރު މުވައްޒަފުންގެ އަދަދު 2,116 އަށް ދަށްވި ނަމަވެސް، 2025 ނިމުނުއިރު އެ އަދަދު ވަނީ 2,164 އަށް އިތުރުވެފަ އެވެ.

އެޗުޑީސީގެ މުވައްޒަފުންގެ އަދަދަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު ވަނީ 2,410 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 246 މުވައްޒަފުންގެ އިތުރުވުމެކެވެ. މުވައްޒަފުން އިތުރުވުމާ އެކު މުސާރައަށް ކުރާ ހޭދަވެސް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އެގޮތުން 2023 ވަނަ އަހަރު މުސާރައަށް 339.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 400 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި 2025 ވަނަ އަހަރު 397.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި ހިނގާ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 229.8 މިލިއަން ރުފިޔާ މުސާރައަށް ވަނީ ހޭދަކޮށްފަ އެވެ.

ކޮންމެ މަހަކު މުސާރައަށް ކުރާ އެވްރެޖް ހޭދައަށް ބަލާއިރު، 2023 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 28.2 މިލިއަން ރުފިޔާ ހޭދަކުރިއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ އެވްރެޖަކީ މަހަކު 38.2 މިލިއަން ރުފިޔާ އެވެ. މިއީ މަހެއްގެ މައްޗަށް 10 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީ މަހު މުސާރައަށް 35.2 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ޖޫން މަހު އެ އަދަދު ވަނީ 40.8 މިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

ރާއްޖޭގައި އިންތިހާބުތަކާ ދިމާކޮށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނުމަކީ އާންމުކޮށް ފެންނަ ކަމެކެވެ. މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށްވެސް ބައެއް ކުންފުނިތަކުން ގިނަ އަދަދަކަށް ވަޒީފާ ދީފައިވާކަން ފާހަގަކުރެވެއެވެ.