ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އޮމާނާއެކު އެއްބަސްވުމަކާ ގާތަށް އާދެވިފައިވާ ކަމަށާއި، ނަމަވެސް އެ ސަރަހައްދު ހުޅުވާލުމަށް ހަމައެކަނި އެ އެއްބަސްވުން ފުދޭނެ ކަމަށް ނުދެކޭ ކަމަށް އީރާނުން ބުނެފި އެވެ.
ހޮނިހިރު ދުވަހު އީރާނުން މިހެން ބުނެފައިވާއިރު، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އެ ސަރަހައްދުން ދަތުރުކުރި އެގައުމުގެ އުޅަނދަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި، ހޮރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނާއި އޮމާނުން އެއްބަސްވުމަކަށް އައުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ބެލެވެއެވެ. ދުނިޔޭގެ ހަކަތައިގެ މައިގަނޑު މަގު ކަމުގައިވާ މި ކަނޑުއޮޅީގެ ބާރު އީރާނުން ވަނީ ހަނގުރާމައާ ގުޅިގެން ހިފަހައްޓާފަ އެވެ.
ނަން ހާމަނުކުރުމަށް އެދުނު އެމެރިކާގެ އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވީ، ކަނޑުއޮޅީގެ ދެފަރާތުގައި އޮތް އީރާނާއި އޮމާނުން ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެ ކަމަށް ވޮޝިންގްޓަނުން އުއްމީދުކުރާ ކަމަށެވެ. އެއާއެކު ތެޔޮ އުފުލާ އުޅަނދުތަކުގެ ދަތުރުފަތުރު އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާނެ އާ މަގަކާ ބެހޭގޮތުން އޮމާނާއެކު އެއްބަސްވުމަކާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް، ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި އެހެނިހެން ޝަރުތުތަކެއް ފުރިހަމަވާން ޖެހޭ ކަމަށާއި، އޭގެ ތެރޭގައި އީރާނަށް ލިބުނު ގެއްލުމުގެ ބަދަލު އެމެރިކާއިން ދިނުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އީރާނުގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ މުހައްމަދު ބާގިރު ޒުލްގަދަރު ވަނީ އިތުރު ޝަރުތުތަކެއް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި އީރާނަށް ދެމުންދާ އިންޒާރުތައް ހުއްޓާލުމާއި، އީރާނުގެ އިތުރުން ލުބުނާން، ފަލަސްތީން، ޔަމަން އަދި އިރާގުގައި ތިބި އީރާނުގެ އެކުވެރި ބާރުތަކަށް ދޭ ހަމަލާތައް ހުއްޓާލުން ހިމެނެ އެވެ. އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
އޮމާނުން މަޝްވަރާތައް ކާމިޔާބު ކަމަށް ބުނެ، ހަމަލާތައް ކުށްވެރިކުރުން
ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާ އުޅަނދުތަކަށް ދެމުންދާ ހަމަލާތައް އޮމާނުން ކުށްވެރިކޮށްފައިވާއިރު، އެއްވެސް ފަރާތަކަށް ސީދާ ތުހުމަތެއް ކޮށްފައެއް ނުވެ އެވެ.
އޮމާނުގެ ފޮރިން މިނިސްޓްރީން ބުނީ އީރާނާއެކު ކުރެވެމުންދާ މަޝްވަރާތަކަކީ އެދެވޭ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ގޮތަށް ކުރިއަށްދާ މި މަޝްވަރާތަކަށް ހުރަސްއެޅިދާނެ އެއްވެސް އަމަލަކުން ދުރުހެލިވުމުގެ މުހިންމުކަން އޮމާނުން ފާހަގަކުރި އެވެ.
އަރަގްޗީ އިތުރަށް ވިދާޅުވީ، މީގެ ކުރިން ކަނޑުއޮޅިން ދަތުރުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް މިހާރު އީރާނަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ދާއިމީ ހައްލެއް ފެންނަންދެން ވަގުތީ ގޮތުން ދަތުރުކުރާނެ މަގަކާ ބެހޭގޮތުން އޮމާނާއެކު ވާހަކަދެކެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ގައުމުގައި އެއްބައިވަންތަކަމާއި ބާރުވެރިކަން އެބައޮތް ކަމަށާއި، މި ހަނގުރާމައިގައި އީރާނަކީ ކާމިޔާބު އަދި ބާރުގަދަ ގައުމެއްގެ ގޮތުގައި ބެލެވޭ ކަމަށް އޭނާ ވިދާޅުވި ކަމަށް އީރާނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ ގަލްފުގެ ގައުމުތަކާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. އަދި ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ވެސް އީރާނުން ދަނީ ހަމަލާދެމުންނެވެ.
ޔޫއޭއީން ބުނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި އެގައުމުގެ ސަރުކާރު ކުންފުންޏެއްގެ ތެޔޮ އުފުލާ އުޅަނދަކަށް އީރާނުން މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، މިއީ ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާ ކަމުގެ ނިޝާނެކެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ބުނީ އުޅަނދެއްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން އީރާނުގެ ރަސްމީ ފަރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފާއިތުވި ހަފުތާތަކުގައި ޓްރަމްޕްގެ ސަރުކާރުން ވަނީ ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނުން އެކަން ދޮގުކުރެ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވެސް ބުނީ ކަނޑުއޮޅި ހުޅުވާލުން ބިނާވެފައިވަނީ އީރާނުގެ ޝަރުތުތައް އެމެރިކާއިން ގަބޫލުކުރުމުގެ މައްޗަށް ކަމަށެވެ.
"އެމެރިކާއިން އީރާނުގެ ޝަރުތުތައް ގަބޫލުކުރާ ކޮންމެ ވަގުތަކު ހޮރްމުޒް ކަނޑުއޮޅި ހުޅުވާލެވޭނެ،" ރިވޮލިއުޝަނަރީ ގާޑްސްގެ ތަރުޖަމާނު ހުސައިން މުހިއްބީ ވިދާޅުވި އެވެ.
އީރާނާއި އޮމާނާ ދެމެދު މަޝްވަރާކުރެވެމުންދާ އެއްބަސްވުމުގެ ދަށުން، ކަނޑުއޮޅިން ގަލްފަށް ވަންނަ އުޅަނދުތައް ކޮންޓްރޯލްކުރުމުގެ ބާރު އީރާނަށް ލިބޭނެ އެވެ. މިއީ އީރާނަށް ދެވޭ ވަރަށް ބޮޑު ދޫދިނުމެއްގެ ގޮތުގައި ބެލެވެއެވެ. ނަމަވެސް، ދުނިޔޭގެ އެންމެ މުހިންމު ހަކަތައިގެ މަގު އީރާނުގެ ކޮންޓްރޯލްގެ ދަށަށް ދޫކޮށްލުމަށް އެމެރިކާއިން މީގެ ކުރިން ވަނީ ދެކޮޅު ހަދާފަ އެވެ.
ގާނޫނުތަކަށް ހޭލުންތެރިކުރުމަށް އީޔޫއާ ގުޅިގެން ކެމްޕޭނެއް