ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ ހާލަތާއި އެ ތަނުގެ ހިންގުން ހުރި ގޮތާ މެދު، ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އާއިލާތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހޯމް މިނިސްޓަރު އަލީ އިހުސާނަށް ހުށަހަޅުއްވައިފި އެވެ.

އެ މަރުކަޒުގެ ހާލަތާ ގުޅޭ ގޮތުން މެންބަރު ކުޑޫ ވަނީ ޖުމްލަ 10 ސުވާލެއް މިނިސްޓަރު އިހުސާނަށް ފޮނުއްވާފަ އެވެ. އެގޮތުން ސެންޓަރުގެ އިމާރާތް ބޭނުންނުކުރެވޭ މިންވަރަށް ބާވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި، ބަލިމީހުން ބޭތިއްބުމަށް ސާފުތާހިރު މާހައުލެއް ނެތް ކަމަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ. މީގެއިތުރުން ފަރުވާ ހޯދާ މީހުންނަށް ދޭ ކާބޯތަކެތީގެ ފެންވަރާއި، ފާހަނާއާއި ނިދާ ކޮޓަރިތަކުގެ ހާލަތު ރަނގަޅުކުރަން ކުރެވޭ މަސައްކަތްތަކާ މެދު ސުވާލު ކުރެއްވި އެވެ.

ދެވޭ ފަރުވާގެ ފެންވަރާ މެދު ސުވާލު އުފައްދަވަމުން، އެ ތަނުގައި ހިންގާ ޕްރޮގްރާމްތަކަކީ ޒަމާނީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާތަކެއްތޯ މެންބަރު ސާފުކުރެއްވި އެވެ. އަދި ޔޫއެންއޯޑީސީ އާއި ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް އެ ފަރުވާތައް ފެތޭތޯ ބެއްލެވުމަށް އެދިވަޑައިގެންނެވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ

މީގެއިތުރުން ފަރުވާ ދޭ މުވައްޒަފުންގެ ގާބިލުކަން ބެލޭނެ ނިޒާމުތަކާއި، އެ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ދިނުމުގެ އުސޫލުތައް ލިޔުމުން ފެންނަން ހުރިތޯއާއި، ނަފުސާނީ ބަލިތަކަށް އެހީތެރިވާ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހުރި މެކޭނިޒަމްތަކާ ބެހޭގޮތުން ވެސް ސުވާލު ކުރެއްވި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް، ފަރުވާ ބޭނުންވާ ކޮންމެ މީހަކަށް ރައްކާތެރި އަދި އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ މާހައުލެއް ކަށަވަރުކޮށްދިނުމަކީ އާއިލާތަކުން އެދޭ ކަމެއް ކަމަށް ކުޑޫ ފާހަގަކުރެއްވި އެވެ. އަދި މި މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ ފަރުވާގެ ނަތީޖާ ގެއްލި، އަލުން އެ ވަބާގެ ތެރެއަށް މީހާ ދިއުމުގެ ބިރު އޮތުމާއެކު، މިއީ އާންމު މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާތީ ވީ އެންމެ އަވަހަކަށް ޖަވާބު ދެއްވުމަށް މެންބަރު އެދިވަޑައިގެންނެވި އެވެ.

މެންބަރު ކުޑޫ މި ސުވާލުތައް ކުރެއްވިއިރު، ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭ ވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމުގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު އިހުސާން ވަނީ ޖޫން މަހުގައި އިއުލާން ކުރައްވާފަ އެވެ. މިނިސްޓަރު އޭރު ވިދާޅުވީ މިހާރު ހުރި ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ނުދާތީ، އެ ތަނުގައި ބިޔަ މަޝްރޫޢެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.