ރާއްޖޭގެ އިގްތިސާދުގައި އިތުރަށް ދައުރުވަމުންދާ ފައިސާގެ މިންވަރު ކުޑަކުރުމަށްޓަކައި، ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާގެ ރިޒާވް މަތިކުރުމަށް އެމްއެމްއޭގެ ބޯޑުން ނިންމައިފި އެވެ.
މަރުކަޒީ ބޭންކުން އިއްޔެ ހާމަކުރި ގޮތުގައި، މި ނިންމުމަކީ ބާޒާރުގައި ހުރި އިތުރު ފައިސާ ނުވަތަ 'ސާޕްލަސް ލިކުއިޑިޓީ' މަދުކޮށް، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އަޅާ ފިޔަވަޅެކެވެ. މި ބަދަލާއެކު، ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއާމެންޓް (އެމްއާރްއާރް) މިހާރު ހުރި 10.5 އިންސައްތައިން 11 އިންސައްތައަށް އަންނަ މަހުން ފެށިގެން މަތިވާނެއެވެ.
އެމްއެމްއޭއިން ބުނީ އަންނަ އަހަރުގެ ކޮންމެ ތިން މަހަކުން އެއްފަހަރު މި އަދަދު މުރާޖައާ ކުރަމުންދާނެ ކަމަށާއި، އަމާޒަކީ އަންނަ އަހަރު ނިމޭއިރު އެމްއާރްއާރް 13 އިންސައްތައަށް މަތިކުރުން ކަމަށެވެ. އެމްއާރްއާރަކީ ބޭންކުތަކަށް ލިބޭ ޑިޕޮސިޓްތަކުގެ ތެރެއިން ލޯނު ދޫކުރުމާއި އެހެނިހެން ބޭނުންތަކަށް ބޭނުން ނުކުރެވޭ ގޮތަށް މަރުކަޒީ ބޭންކުގައި ރައްކާކުރަންޖެހޭ ފައިސާ އެވެ.
މީގެ އިތުރުން، އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ވެސް 10 ބޭސިސް ޕޮއިންޓަށް ނުވަތަ 0.10 އިންސައްތައަށް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ. އެމްއެމްއޭގެ އަމާޒަކީ ދައުރުވާ ފައިސާގެ މިންވަރު 2 އާއި 3 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ދަށްކުރުމެވެ. މިދިޔަ ޖުލައި މަހުގެ ނިޔަލަށް އޯއެމްއޯ މެދުވެރިކޮށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ އެމްއެމްއޭއަށް ވައްދާފައިވާއިރު، ކުރު މުއްދަތުގެ ލިކުއިޑިޓީ ވަނީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ދަށްކުރެވިފަ އެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގައި ދިވެހި ރުފިޔާ ދައުރުވާ މިންވަރު އިތުރުވެފައިވަނީ ސަރުކާރުން އެކި ދުވަސްވަރު މަތިން ފައިސާ ޗާޕުކުރުމުގެ ސަބަބުންނެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުން އެ އިދާރާއަށް ދިގު މުއްދަތުގައި ދައްކަންޖެހޭ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ.
ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ބޭރު ފައިސާގެ ރިޒާވް ރިކުއާމެންޓް 7.5 އިންސައްތައިން 5 އިންސައްތައަށް ދަށްކުރި ނަމަވެސް، ބާޒާރުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ މަތީގަ އެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށްވުރެ މަތީގައި ހުރިއިރު، ދައުލަތުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމަށް ރަސްމީ ރިޒާވުން ބޮޑެތި ހޭދަތަކެއް ކުރަންޖެހުމަކީ ވެސް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.
އީރާންގެ ވެރިކަން ބަދަލު ނުވުމުން މޮސާޑުގެ ދެ ވެރިން ވަކިކޮށްފި
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި