އުމުރު ދިގު ކުރުމަށް ފައިދާ ހުރި ކާނާ މުހިންމު. ގައިން ގަޔަށް ނާރާ ބަލިން ސަލާމަތްވެ ހުރުމަށް ވެސް ފައިދާ ހުރި ކާނާ މުހިންމު. މި ދެކަމަކީ ގުޅި ލާމެހިފައިވާ ދެ ކަންތައް. އެއްވައްތަރެއްގެ ކާނާއަކުން ހައްލުކުރެވޭނެ ދެކަންތައް. އާންމުކޮށް ފައިދާ ހުރި ކާނާގެ ގޮތުގައި ތަރުކާރީ އާއި މޭވާ ހިމަނާއިރު، މޭވާގެ ތެރޭގައި ހިމެނޭ ބެރީސްތަކުން ހަށިގަނޑަށް ލިބޭ ފައިދާ ބޮޑުކަމަށް ސައިންސްގެ ދިރާސާތަކުން ހާމަވޭ. ހާއްސަކޮށް ބްލޫބެރީއަކީ ވަރަށް ފައިދާހުރި ބެރީގެ ބާވަތެއް. ބެރީސްގެ ފުރިހަމަ ފައިދާ ހޯދުމަށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރުން މުހިންމު.

އުމުރު ދިގުކުރުމަށް ފައިދާހުރި ކާނާ މުހިންމުވާ ބީދައިން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް ފައިދާހުރި ކާނާ މުހިންމު ދައުރެއް އަދާ ކުރެ އެވެ. ފައިދާ ހުރި ކާނާއިން ގުނަވަންތައް ރަނގަޅަށް މަސައްކަތް ކުރުވުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެ އެވެ

މިހާރަކަށް އައިސް ގައިން ގަޔަށް ނާރާ ބަލީގެ މީހުންގެ ނިސްބަތް ގިނަވެފައިވެ އެވެ. މިކަން ގުޅެނީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެވޭ ގޮތެއްގެ މަތިންނެވެ. ގައިން ގަޔަށް ނާރާ ބަލި މަދު ކުރެވުމަކީ އުމުރު ދިގުކުރުމަށް އޮތް މަގެކެވެ. ދިރާސާތަކުން ހާމަވާގޮތުގައި ތައްޔާރީ ކާނާއަށް ވުރެ ގުދުރަތީ ކާނާ ގަވައިދުން ބޭނުން ކުރުމުން ގައިން ގަޔަށް ނާރާ ބަލިތަކުން ވެސް ސަލާމަތް ކޮށްދެ އެވެ.

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ތަރުކާރީ އާއި މޭވާގެ ދައުރު ވަރަށް ބޮޑެވެ. ވަކިން ހާއްސަކޮށް މޭވާތަކުގެ ތެރެއިން ބެރީސްގެ ފައިދާ ބޮޑުކަމަށް ހޯދުންތަކުން އިތުރަށް ހާމަވެ އެވެ. އެގޮތުން ފާހަގަކޮށްލެވެނީ ބްލޫ ބެރީ، ރާސްޕް ބެރީ، ސްޓްރޯ ބެރީ އަދި ބްލެކް ބެރީއަކީ އެންމެ ފައިދާ ހުރި ބާވަތްތަކުގެ ގޮތުގަ އެވެ. މީގެ ތެރެއިން ވެސް ބްލޫބެރީގެ ފައިދާ އެތައް ގުނައެއް ބޮޑެވެ. ބްލޫބެރީއަކީ ރާއްޖޭގައި ވެސް ފަސޭހައިން ހެއްދޭ ބާވަތެއްކަން ފާހަގަ ކޮށްލެވެ އެވެ.

ބްލޫ ބެރީއަކީ ކިތަންމެ ކުޑަ މޭވާއަކަށްވި ނަމަވެސް، އޭގާއި ގިނަ އަދަދަކަށް ފައިދާ އެކުލޭވޭ މާއްދާތައް ގިނަ މޭވާއެކެވެ. އޭގެ ތެރޭގައި ފައިބާ، މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްސް ހިމެނެ އެވެ. ބްލޫބެރީގައި ހިމެނޭ ހަޖަމުގެ ނިޒާމަށް މުހިންމު، ފައިބާ އަކީ އުމުރު މައްޗަށް ދިއުމާއެކު ވެސް ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް އެހީވެދޭ ވަރަށް މުހިންމު މާއްދާ އެކެވެ.

ފައިބާއިން ހަޖަމުގެ މައްސަލަތައް ރަނގަޅު ކޮށްދިނުމުގެ އިތުރުން، ހަކުރު އަދި ކޮލެސްޓްރޯލްގެ ބައި ދަށްކޮށް ދިނުމަށް އެހީވެދެ އެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކާއި ގޮހޮރުގެ ކެންސަރުތަކުން ސަލާމަތް ކޮށްދެ އެވެ.

ބެރީސްތަކަކީ ހިތަށާއި ސުކުނޑީގެ ދުޅަހެޔޮ ކަމަށް ވެސް ވަރަށް މުހިންމު މޭވާއެކެވެ. އޭގަ ގިނަ އަދަދަކަށް ހިމެނޭ "ފޮޓޯ ކެމިކަލްސް" ފަދަ "ފްލެވޮނޮއިޑްސް"ގެ ސަބަބުން އެކި ދުޅަތަކުން ރައްކާތެރި ކޮށްދެ އެވެ. ގަވައިދުން ބެރީސް ކާނަމަ، ހަނދާން ނެތޭ ބަލިން ސަލާމަތް ކޮށްދޭ ކަމަށް ހޯދުންތަކުން ހާމަވެ އެވެ.

ގިނަ ބެރީސްގައި ދިފާއީ ނިޒަމު ވަރުގަދަ ކޮށްދޭ ވިޓަމިން ސީ ހިމެނިފައިވެ އެވެ. އަދި މުހިންމު މާއްދާތަށް ފަދަ ވިޓަމިން ކޭ، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ވެސް ހިމެނިފައިވެ އެވެ.

ބެރީސް އަކީ އަނގަޔަށް ފޮނި މީރު މޭވާތަކެކެވެ. އޭގެ ފުރިހަމަ ފައިދާ ލިބިގަތުމަށްޓަކައި ކޮންމެ ދުވަހަކު ވެސް އެކިވައްތަރުގެ ބެރީސް ކެއުމުގައި ހިމެނުން މުހިންމެވެ. ހެނދުނުގެ ނާސްތާގައި ހިމަނަށް ބޭނުންނަމަ، ޔޮގަޓާ އެއްކޮށް ނުވަތަ އޯޓްސްއާ އެއްކޮށް ވެސް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ސެލަޑެއްގެ ގޮތުގަ އާއި ސްމޫތީއެއްގެ ގޮތުގައި ވެސް ބޭނުން ކުރުމުން އެ ލިބެންވާ ފައިދާ ލިބޭނެ އެވެ.