ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން ނުވަތަ ބުރަވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކަސްރަތު ނުކުރެވި ހުރުމަށްފަހު، އަލުން ކަސްރަތު ކުރަން ފެށުމަކީ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެކެވެ.
ދުވަސްތަކަކަށްފަހު އަލުން ކަސްރަތު ކުރަން ފަށާއިރު، ކުރިން ކުރި ވަރަށް ނުވަތަ މާ ވަރުގަދައަށް އެކަން ކުރަން އުޅުމަކީ ސިއްހަތަށް ނުރައްކާތެރި ކަމަކަށް ވެދާނެ އެވެ.
ޑޮކްޓަރުންނާއި ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ އަލުން ކަސްރަތު ފަށާއިރު "މާ ވަރުގަދައަށް ނުފަށައި ލަސްލަހުން އަދި ފަސޭހައިން" ފެށުމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކަސްރަތު ނުކޮށް ހުރުމުން ހަށިގަނޑުގެ މަސްތަކާއި، ކަށިތައް އަދި ހިތުގެ ހިންގުން ހުންނާނީ އެކަމަށް އާދަވެފަ އެވެ.
އެހެންކަމުން، ކުއްލިއަކަށް މާ ބުރަކޮށް ކަސްރަތު ކުރަން ފެށުމުން މަސްތަކުގައި ރިއްސުމާއި، މަސްތައް ވާޅުވުން ނުވަތަ އަނިޔާއެއް ލިބުމުގެ ފުރުސަތު ބޮޑުވެ އެވެ.
މީގެ އިތުރުން، މާ ބޮޑަށް ވަރުބަލިވުމުގެ ސަބަބުން ކަސްރަތު ކުރުމުގެ ޝައުގުވެރިކަން ކެނޑި، އަލުން ހުއްޓާލަންޖެހޭ ހާލަތުވެސް މެދުވެރިވެ އެވެ.
ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި، އަލުން ކަސްރަތު ފަށާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ "ވޯމްއަޕް" ކުރުމެވެ. ކަސްރަތު ކުރުމުގެ ކުރިން މަސްތައް ހަމަޖައްސާލުމަށްޓަކައި ސްޓްރެޗް ކުރުމާއި، ކުޑަކޮށް ހިނގާލުން ފަދަ ލުއި ހަރަކާތްތަކުން ފެށުމަކީ އަނިޔާތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
މީގެއި ތުރުން، ފުރަތަމަ ކޮޅު ކަސްރަތު ކުރާ ވަގުތު ކުރުކޮށްލައި (އުސޫލެއްގެ ގޮތުން 15-20 މިނެޓު)، މަޑުމަޑުން ވަގުތު އިތުރު ކުރަމުން ދިއުން މުހިއްމެވެ.
ކަސްރަތު ކުރަމުން ދާއިރު އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މާބޮޑަށް ނޭވާ ކުރުވުން، ބޮލަށް އެނބުރުން އައުން ނުވަތަ މޭގައި ކެކުޅުމެއް އުފެދޭނަމަ ވަގުތުން ކަސްރަތު ހުއްޓާލައި އަރާމު ކުރަން ޖެހޭނެ އެވެ.
ސިއްހީ ގޮތުން ރަނގަޅު ނަތީޖާއެއް ލިބޭނީ އަވަސް އަރުވާލައިގެން ކުރުމުގެ ބަދަލުގައި، ގަވާއިދުން އަދި ހަށިގަނޑަށް ތަހައްމަލު ކުރެވޭ މިންވަރަކުން ކަސްރަތު ކުރުމުގެ އާދަ ހިފަހައްޓައިގެންނެވެ.