ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ އިސްލާހުގެ ސަބަބުން ލާދީނީ ކަންކަމަށް ހިތްވަރު ލިބިގެންދާނެ ކަމަށާއި އެ އިސްލާހުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ މެދުގައި ކަންބޮޑުވުން ފާޅުކޮށް މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާނޫނުއަސާސީއާ ތައާރަޒުވާ އަދި ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް އޭގައި ހިމެނޭ ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.

އޭގެ އިތުރުން އެ އިސްލާހާ އެކު، ދީނަށް ހަޖޫ ޖަހައި ފުރައްސާރަކޮށް މާތްﷲ އާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުން އެއީ ގާނޫނު ހުއްދަ ކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ބެލެވޭ ކަމަށާއި އެކަމާ ދެކޮޅަށް ބަސް ބުނާ މީހާ އެ ކުރަނީ ކުށެއް ކަމުގައި ކަނޑައަޅަން ސިޓީ ކައުންސިލުން ދެކޮޅު ކަމަށް މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ހިމެނި ވަޑައިގަންނަވާ ގޮތަށް 13 ކައުންސިލަރުން ސޮއި ކުރައްވާ ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ. މި ގަރާރުގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ސޮއެއް ނުކުރެ އެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ގޮވާލާފައިވަނީ އިސްލާހު ފާސް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މާލޭ ސިޓީ ތަމްސީލު ކުރައްވާ މެންބަރުންނަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންނަށް ވަނީ ގޮވާލާފަ އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އެމްޑީޕީގެ ހިސާން ހުސައިން ހުށަހެޅުއްވި މި އިސްލާހާ މެދު ކަންބޮޑުވެ މާލޭ ސިޓީން ނެރުއްވި ބަޔާނުގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ސޮއި ކުރައްވައިފައެއް ނުވެ އެވެ.

މި ބިލާ މެދުގައި ކަންބޮޑުވުންތަކެއް ސިޓީ ކައުންސިލުން ފާހަގަ ކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޮލިޝަނުންވެސް ވަނީ މިބިލާ މެދުގައި ކަންބޮޑުވުން ފާޅުކޮށްފަ އެެވެ. މީގެ އިތުރުން ދީނީ އިލުމުވެރިންވެސް ދަނީ މިބިލާ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން މިސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީވެސް މިބިލާ މެދުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިބިލާ މެދުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވި ނަމަވެސް އެބިލަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.