ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅުއްވާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މަޖިލީހުގެ އިންކުއަރީ 241 ކޮމެޓީން ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާ ކަމަށާ އެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާން ނިންމި ނިންމުމަކީ ސިފައިންގެ ގާނޫނާއި އެއްގޮތަށް އެ މުއައްސަސާއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އިންކުއަރީއަށް އެ މަނިކުފާނު ހުރަސް ނާޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މީގެ ކުރިން 241 ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިި އެ ކޮމިޓީގެ މުގައްރިރު 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންކުއައިރީއަށް އެއްވެސް ނުފޫޒެއް ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

،"241 ކޮމިޓީގެ މުގައްރިރު ވިދާޅުވި އިންކުއައިރީއަށް ނުފޫޒެއް ނެތް ކަމަށް، ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ތަހުގީގަށް ހުރަސް ނާޅާނެކަން،" ރައީސް ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާގެ އަސްލު ގެއްލޭ ހިސާބަށް، އެކަމާ ބެހޭ ގޮތުން ދެކެވޭ އެކި ވާހަކަތަކާ ހެދި އެބަދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެންމެންގެ އަމާޒަކަށް ވާން ވާނީ ހަމަލާގެ އަސްލަށް ވާސިލްވާން މަސައްކަތްކުރުން ކަމަށެވެ.

"ކާކުތޯ އެކަން ކުރީ، ކޮންބައެއް ބުނެގެންތޯ އަދި ފައިސާ ހަރަދު ކުރިތޯ ބެލުން، މުޅި ގައުމު ސަލާމަތްކުރުން. މިއީ ކުރަންވީ ކަމަކީ، އެއާ ހިލާފަށް އޭގެން ނެއްޓި މުޅިން އެހެން ދިމާލަކަށް އަމާޒު ހިފައިގެން ދާތަން،" ރައީސް ވިދާޅުވި އެވެ.

ޓެރަރިސްޓު ހަމަލާއެއްދީ ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގުމުގެ ފަހަތުގައި ހުންނެވީ ރައީސް ސޯލިހް ކަމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވެފަ އެވެ.