މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު އާސަންދައަށް ކުރި ހަރަދު 170 މިލިއަން ރުފިޔާ އިތުރުވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 1.43 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައެޅި 2.02 ބިލިއަން ރުފިޔާގެ 70.8 އިންސައްތަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 1.26 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ 170 މިލިއަނަށްވުރެ ބޮޑު އިތުރުވުމެކެވެ.
އާސަންދަ ހަރަދު މަތިވި ނަމަވެސް، ފުލުހުންނާއި ސިފައިންގެ މެޑިކަލް ވެލްފެއާއަށް ކުރި ހަރަދު ވަނީ ދަށްވެފަ އެވެ. އެގޮތުން މެޑިކަލް ވެލްފެއާއަށް މިއަހަރު ކަނޑައެޅި 409 މިލިއަން ރުފިޔާގެ ބަޖެޓުން މި މަހުގެ 20 އާ ހަމައަށް ހަރަދުވީ 152 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނީޔާ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އާސަންދައިގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގަނީ ބޭސްފިހާރަތަކުގެ ބިލުތަކަށެވެ. މީގެ އިތުރުން އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް ވެސް ބޮޑު ހަރަދެއް ކުރަންޖެހެ އެވެ.
ބޭރުގެ އިދާރާތަކުން އާސަންދަ ނިޒާމު އިސްލާހުކުރަން ތަކުރާރުކޮށް ލަފާދީފައިވާއިރު، ގިނަ އަހަރުތަކުގައި އާސަންދައަށް ހަރަދުވަނީ ބަޖެޓުކުރާ ވަރަށް ވުރެ އިތުރަށެވެ.
ކަސްރަތު: ދާހިއްލުމަކީ ސަރުބީ ވިރޭކަން އަންގައިދޭ ކަމެއް ނޫން!
ކުއްޖާ އަނިޔާވި އެކްސިޑެންޓް: ހެކި ހޯދަން ދެ ކާރު ޓޯކޮށްފި
އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި