އެމެރިކާއިން ތެހެރާނަށް ކުރިމަތިކުރަމުންދާ އިގްތިސާދީ ފިއްތުންތަކުގައި އެ ގައުމާ ބައިވެރިނުވުމަށް އެހެން ގައުމުތަކަށް އީރާނުން ގޮވާލައިފި އެވެ. ބައިނަލްއަގުވާމީ އެކި ވަސީލަތްތަކުގެ އެހީގައި މި ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ ވިދާޅުވެފަ އެވެ.
އީރާނާއެކު ވިޔަފާރީގެ ގުޅުން ބާއްވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކުންފުނިތަކާއި ގައުމުތަކާ ދެކޮޅަށް އެޅޭނެ 'ސެކަންޑަރީ ސެންކްޝަންސް' ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރަން ނިންމާފައިވާކަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހޯމަ ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ނިންމުމަކީ އީރާނާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަށް ގައުމުތަކަށް ދެވޭ އެންމެ ފަހުގެ އިންޒާރު ނުވަތަ "އިގްތިސާދީ ޑީ-ޑޭ" އެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. މި އެންގުމަށް އިޖާބަ ނުދޭ ގައުމުތަކާއި ކުންފުނިތަކަށް ޑޮލަރުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ މާލީ ނިޒާމުގެ ތެރެއިން އެކަހެރިވުމުގެ ނުރައްކާ އޮންނާނެއެވެ.
މި ފިޔަވަޅުތަކަށް ތައްޔާރުވަމުން އަންނަ އީރާނުން ވަނީ، މީގެ ރައްދުގައި އަސްކަރީ ވަރުގަދަ ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތްތަކެއް ހިމެނޭ ބަޔާންތަކެއް ފާއިތުވި ދުވަސްތަކުގައި ނެރެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރު މަޝްވަރާތަކަށް އީރާނަށް ވަޑައިގެންފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި މިއީ ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. އަދި އާސިމް މުނީރު އީރާނުގެ އެންމެ މަތީ ވެރިޔާއާ ގާތް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.
ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން މަޝްވަރާކުރުމަށް އޮމާންގެ ފޮރިން މިނިސްޓަރު އަންގާރަ ދުވަހު އީރާނަށް ޒިޔާރަތް ކުރައްވާނެ ކަމަށް ތެހެރާނުން ވަނީ ހާމަކޮށްފަ އެވެ.
އެޕާޓްމެންޓްތަކުގެ ކުލި ޑޮލަރުން ދައްކަން އެންގުން އާންމުވަނީ
38 މިނިޓަށް ކުރެވުނު ދުނިޔޭގެ އެންމެ ކުރު ހަނގުރާމަ
