ރާއްޖޭގެ ބޭންކުތަކުގެ މެނޭޖްމަންޓް ލެވެލްގެ މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 80 ޕަސަންޓަށް އިތުރުކުރުމަކީ މުހިންމު އަމާޒެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕްރިމިއާ ބޭންކު ރަސްމީކޮށް އިފުތިހާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ބޭންކުތަކުގެ އިސް މަގާމުތަކުގެ ގާތްގަނޑަކަށް 40 ޕަސަންޓަކީ ބޭރުގެ މުވައްޒަފުން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ އަދަދު 20 ޕަސަންޓަށްވުރެ ދަށްކޮށް، ދިވެހި ޒުވާނުންނަށް ބޭންކިން ދާއިރާގެ އިސް މަގާމުތަކަށް ވާސިލުވެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ މައިގަނޑު އަމާޒު ކަމަށް ވިދާޅުވިއެވެ.
މި އަމާޒު ހާސިލުކުރުމަށްޓަކައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސްއާ އެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި އެވެ. އަދި ބޭންކުތަކާ ގުޅިގެން އަންނަ އަހަރު ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް އުފެއްދުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭންކުތަކަށް ޓެކުހަށް ކެނޑުމުގެ ކުރިން 5.15 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށާއި، ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި 737.38 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. ނަމަވެސް، ފަސް ބިލިއަން ޑޮލަރުގެ އަގުހުރި ފަތުރުވެރިކަމުގެ ދާއިރާއަށް ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވަނީ 800 މިލިއަން ޑޮލަރު ކަމަށްވާތީ، އެއީ އެ ދާއިރާގެ އެންމެ 16 ޕަސަންޓު ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ގޮސްފައިވާކަން ފާހަގަކުރައްވައި، އެ ފައިސާ ރާއްޖޭގެ އިގްތިސޯދުގައި ދެމެހެއްޓުމަށްޓަކައި ދިވެހި ބޭންކުތައް އިތުރުކުރަންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި އެ ބަދަލުތަކަށް މަގުފަހިކުރުމަށްޓަކައި ބޭންކިން ގާނޫނު އިސްލާހުކުރުމާއި، އިސްލާމީ މާލީ ނިޒާމުގެ އާ ގާނޫނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ މޯލްޑިވްސް 2.0 ސިޔާސަތާ އެއްގޮތަށް، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑިޖިޓަލް ބޭންކިން ވަސީލަތްތައް މެދުވެރިކޮށް ދިވެހި ވިޔަފާރިތަކާއި އާންމުން ދުނިޔޭގެ މާލީ ނިޒާމާ ފަސޭހައިން ގުޅުވައިދޭނެ ކްރޮސް-ބޯޑާ ޕޭމަންޓް ހިދުމަތްތައް ތަރައްގީކުރުމަކީ މުހިންމު އަމާޒެއް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
އަޖޭ، ޓައިގާ އަދި ޝާހްރުކް ޚާންއަށް އެފްޑީއޭއިން އިންޒާރު ދީފި
ވަކިކުރާ މުވައްޒަފުން އަމިއްލަ މަސައްކަތް ފަށަން ފަންޑެއް
