ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ސިއްހީ ހާލުކޮޅު ގޯސްވަމުންދާތީ، އޭނާ ޖަލުން ހޮސްޕިޓަލަށް ބަދަލުކުރުމަށް އެ ގައުމުގެ ސުޕްރީމް މިއަދު އަމުރުކޮށްފި ކަމަށް ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) އިން ހާމަކޮށްފި އެވެ.
އުމުރުފުޅުން 73 އަހަރުގެ އިމްރާން ހާން 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައި ވަނީ ސިޔާސީ މަގުސަދެއްގައި އުފުލާފައިވާ ދައުވާތަކެއްގައި ކަމަށް އޭނާ އާއި އޭނާގެ ޕާޓީ، ޕީޓީއައި އިން ބުނެ އެވެ.
ޖަލުގައި ހުންނެވި މުއްދަތުގައި އިމްރާންގެ ކަނާތުގެ ފެނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފައި ވާއިރު، އާއިލާއާއި ސަޕޯޓަރުން ދިޔައީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް އެދެމުންނެވެ.
ޕީޓީއައިގެ ތަރުޖަމާނު ނައީމް ހައިދަރު ޕަންޖޫތާ އެކްސްގައި ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އިމްރާން ހާން "ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލް" އަށް ބަދަލުކުރުމަށާއި، އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި ނިންމުމަށް މަރުހަބާ ކިޔަމުން ޕީޓީއައިއިން ބުނީ، ޑޮކްޓަރުން އިމްރާންގެ ސިއްހީ ހާލަތާމެދު ފުރިހަމައަށް ހިތްހަމަ ޖެހެންދެން އޭނާ ހޮސްޕިޓަލުގައި ބަހައްޓަންޖެހޭ ކަމަށެވެ.
ދެހާސް ބާވީސް ވަނަ އަހަރު ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން ވެރިކަމުން ދުރުކުރެވުނު ފަހުން އިމްރާންގެ މައްޗަށް ގާނޫނާ ހިލާފަށް ކައިވެނިކުރެއްވި ކަމަށް ބުނާ މައްސަލައެއް ހިމެނޭހެން ގިނަ މައްސަލަތަކެއްގައި ވަނީ ދައުވާ އުފުލައިފަ އެވެ. މީގެ ތެރެއިން ބައެއް ހުކުމްތައް ބާތިލުކޮށްފައި ވާއިރު، އިމްރާން ވަނީ އެއިން އެއްވެސް ކުށަކަށް އިއުތިރާފުވެވަޑައިނުގެންފަ އެވެ. އަދި ޖަލުގައި އޭނާއަށް އިހާނެތިކޮށް ހިތާތީ، އިންޑިއާ ހިމެނޭހެން ދުނިޔޭގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި
ކޮމާޝަލް ޔުނިޓްތަކުގެ ތަފްސީލް ދޭން އެފްޑީސީން ދެކޮޅު ހަދައިފި
އީރާން އަމާންދިނުމަށާއި، އޮމާނަށް ބޮންއަޅާނެ ކަމުގެ އިންޒާރު