ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަން ޖެހޭ މިންގަނޑު އިސްލާހުކުރުމަށް "ބޭރު ފައިސާއާބެހޭ ގާނޫނު" އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި މި ބިލު ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ވަނީ ބިލަށް އިތުރު އިސްލާހެއް ނުގެނެސް ފާސްކުރުމަށް ނިންމައިފަ އެވެ.
"ބޭރު ފައިސާއާބެހޭ ގާނޫނު" އަށް އިސްލާހު ގެނައުމަށް ސަރުކާރުން ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ އެ ގާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަން ޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖައާކޮށް، ކެޓަގަރީ- އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ކަމަށެވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން 100 ޕަސެންޓް ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރު ފައިސާ ރުފިޔާއަށް މާރުކުރަން ޖެހޭ މިންވަރު ލުއިކުރުމާއި ގާނޫނުން ލާޒިމުވާ މިންވަރަށް އަދި މުއްދަތުގައި ބޭރު ފައިސާ މާރުކުރުމަށް ދިމާވާ ދަތިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
މި އިސްލާހުގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމު ވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ކަމަށެވެ. މިހާރު ގާނޫނު އޮތް ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހެނީ 15 މިލިއަން ޑޮލަރު ލިބޭ ފަރާތްތަކެވެ.
މި ފައިސާ ޖަމާކުރަން ވާނީ އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާ ކުރަންވާނެ ކަމަށް ވެސް ވަނީ އިސްލާހުގައި ބަޔާންކޮށްފަ އެވެ.
މި އިސްލާހުގައި ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
މިހާރު ގާނޫނުގައިވާގޮތުން އެފަރާތްތަކުން މާރުކުރަން ޖެހޭނީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަން ޖެހޭ ފަރާތްތަކުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 100 ޕަސެންޓް ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަން ޖެހޭނީ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 7 ޕަސެންޓް ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކަށް ގެނައި އިސްލާހަށް އަމަލުކުރުމަށް އިންތިގާލީ މުއްދަތެއް އެމްއެމްއޭއިން ކަނޑައަޅައި ގަވާއިދުގައި ބަޔާންކުރަން ވާނެ ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި އިސްލާހުކުރާ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އިސްލާހު ގެންނަންވާނެ ކަމަށް ވެސް "ބޭރު ފައިސާއާ ބެހޭ ގާނޫނު"އަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.
ދިރާގު މާލެ އޯޕަން 2026ގެ ރޭސްކިޓްތައް މިއަދު ދޫކުރަނީ
ވިޔަފާރިތަކަށް ފައިސާ ދޫކުރަނީ ބައިބަޔަށް ބަހައިގެން: ޒަރީރު
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި