އެމެރިކާއިން އީރާނާއެކު ކުރަމުންދާ ހަނގުރާމަ ދިގުދެމިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން އޭނާގެ ރިޔާސީ ދައުރުގައި ކުރިން އެންމެ ދަށްވި މިންވަރަށް އަލުން ވެއްޓިއްޖެކަން ރޮއިޓާސް/އިޕްސޯސްއިން ނެގި އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުން ދައްކައިފި އެވެ.
ހޯމަ ދުވަހު ނިންމާލި ހަތަރު ދުވަހުގެ މި ސާވޭއިން ދައްކާ ގޮތުގައި، ޓްރަމްޕްގެ ވެރިކަމާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައި ވަނީ ސާވޭގައި ބައިވެރިވި މީހުންގެ އެންމެ 33 އިންސައްތަ އެވެ. އަދި 64 އިންސައްތަ މީހުން ވަނީ އޭނާގެ ސިޔާސަތުތަކާ މެދު ނުރުހުން ފާޅުކޮށްފަ އެވެ.
މިއީ މީގެ ކުރިން ނެގި ސާވޭގައި އޮތް 35 އިންސައްތައަށްވުރެ ދަށް މިންވަރެއްގެ އިތުރުން، ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ޑިސެމްބަރު 2017 ގައި މަގުބޫލުކަން ދަށްވި އެންމެ ދަށް މިންވަރާ އެއްވަރު އަދަދެކެވެ.
މިދިޔަ އަހަރު ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންނެވި ފަހުން އޭނާގެ މަގުބޫލުކަން އިންތިހާއަށް ދަށްވާން ފެށީ، އިސްރާއީލާއެކު އީރާނަށް ހަމަލާދޭން އަމުރުކުރެއްވި ހިސާބުންނެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހުއްޓުމަކަށް އައިސް، ގޭސްލައިން ނުވަތަ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. މީގެ ސަބަބުން އެމެރިކާގެ އާންމު އާއިލާތަކަށް ބޮޑެތި މާލީ ތަކުލީފުތަކެއް އުފުލަންޖެހިފައި ވާއިރު، އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ އަގުލަބިއްޔަތު ދަމަހައްޓަން މަސައްކަތްކުރާ ރިޕަބްލިކަން މެންބަރުންނަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފަ އެވެ.
އިންފްލޭޝަން ކަންކަން ކޮންޓްރޯލްކޮށް ދިގުދެމިގެންދާ ހަނގުރާމަތަކުން އެމެރިކާ އެއްކިބާކުރާނެކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕް، އީރާނާއެކު ކުރާ ހަނގުރާމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިމޭނެކަމަށް ކުރިން ވިދާޅުވި އެވެ.
ސާވޭގައި ބައިވެރިވި އެމެރިކާގެ 80 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި މި ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެންދާނެ އެވެ.
މި މަހުގެ 17 ގެ ނިޔަލަށް ނެގި މި ސާވޭއިން އިތުރަށް ދައްކާ ގޮތުގައި، އިގުތިސާދު ބެލެހެއްޓުމުގައި ރިޕަބްލިކަން މެންބަރުންނަށްވުރެ ޑިމޮކްރެޓުން ރަނގަޅުކަމަށް 38 އިންސައްތަ މީހުން ގަބޫލުކުރެ އެވެ. އަދި މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އިގުތިސާދީ ކަންކަމުގައި ޑިމޮކްރެޓުންނަށް އާންމުންގެ އިތުބާރު ބޮޑުވި ފުރަތަމަ ފަހަރެވެ. އަދި އިމިގްރޭޝަން ސިޔާސަތުތަކުގައި ވެސް ރިޕަބްލިކަން މެންބަރުންނަށް އޮތް ތާއީދު ވަނީ 40 އިންސައްތައަށް ދަށްވެ، ޑިމޮކްރެޓުންނާ ދެމެދު އޮތް ފަރަގު އެންމެ 2 އިންސައްތައަށް ކުޑަވެފަ އެވެ.
ސެލީނާއަށް 1.2 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ ދައުވާއެއް!
ދިރާގު މާލެ އޯޕަން 2026ގެ ރޭސްކިޓްތައް މިއަދު ދޫކުރަނީ
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި