ސަރުކާރު ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރާ މީހުންނަށް އަމިއްލަ މަސައްކަތްތައް ފެށުމަށް ފުރުސަތު ދިނުމުގެ ގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފަކު ވަކިކުރާއިރު އެ މީހަކު ވަޒީފާ އަދާކުރި މުއްދަތަށް ބެލުމަށްފަހު ރިޑަންޑަންސީ ޕެކޭޖު ހަމަޖައްސައިދެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ވަޒީފާއިން ވަކިވާ މުވައްޒަފުން އަމިއްލަ މަސައްކަތެއް ފެށުމަށް މަގުފަހިކުރުމުގެ ގޮތުން "ކުމެވި" ނަމުގައި ހާއްސަ ފަންޑެއް އުފައްދާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އުފެއްދި 600 މިލިއަން ރުފިޔާގެ މި ފަންޑަކީ ކުދި ވިޔަފާރިތަކާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުކުރެވުނު ފަންޑެކެވެ.
ޒަރީރު އިތުރަށް ވިދާޅުވީ، ކުންފުނިތައް ރައިޓް ސައިޒް ކުރުން ބައްޓަންކުރެވިފައި ވަނީ މީހުން މުޅިން ބާކީކޮށްލާ ގޮތަށް ނޫން ކަމަށާއި، ކޮންމެ މީހަކަށްވެސް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން ވަޒީފާއިން ރިޑަންޑަންޓް ކުރާއިރު އެ ފަރާތްތަކަށް ކާ އެއްޗެއް ދިނުމުގެ ބަދަލުގައި، އަމިއްލައަށް ކެވޭނެ ގޮތްތަކާއި ކުރާނެ މަސައްކަތެއް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މި ފަންޑުން ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މުވައްޒަފުން ވަކިކުރަމުން ދަނީ އިތުރު ގޮތެއް ހޯދައިނުދީ ކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ޖުލައި 13 ގައި، ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން އަންގާފަ އެވެ. އެ އެންގުމާ އެއްގޮތަށް ގިނަ ކުންފުނިތަކަކުން މިހާރު ވެސް އަންނަނީ މުވައްޒަފުން ވަކިކުރަމުންނެވެ.
ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި
އިސްރާއީލުން ރޯޑްމެޕާ ދެކޮޅު ހެދުން ކުށްވެރިކޮށްފި
ލަވަތަކުގައި އޮޓޯ ޓިއުން ބޭނުންކުރާ ކަމަށް ސޯނޫ އެއްބަސްވެއްޖެ