ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހަރަކާތްތެރިވެ އުޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވާއިރު، އެކަށީގެންވާ ވަރަށް ހަރަކާތްތެރިނުވާ މީހުން ގައިން ގަޔަށް ނާރާ ބަލިތަކުގައި މަރުވުމުގެ ފުރުސަތު 20 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ދީފި އެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ގަވާއިދުން ކަސްރަތު ނުކުރުމާއި ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމާއި، ކޭންސަރު އަދި ހަކުރުބަލި ފަދަ ނުރައްކާތެރި ދާއިމީ ބަލިތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބު ކަމަށެވެ.

ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން މި ބަލިތަކުގެ ސިއްހީ ނުރައްކާތައް އިންތިހާއަށް ބޮޑުވެ ގެންދާ ކަމަށްވެސް އެޖަމިއްޔާއިން ފާހަގަކުރެ އެވެ.

ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި ބޮޑެތި މީހުން ހަފުތާއަކު މަދުވެގެން 150 މިނެޓާއި 300 މިނެޓާ ދެމެދުގެ މިންވަރަކަށް މެދު މިނެއްގެ ކަސްރަތު ނުވަތަ 75 މިނެޓުގެ ވަރުގަދަ ކަސްރަތު ކުރަންޖެހެ އެވެ.

ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ހިނގާލުން، ސައިކަލު ދުއްވުމުގެ ބަދަލުގައި ފައިމަގުގައި އުޅުން ނުވަތަ ގޭތެރޭގެ މަސައްކަތްތަކުގައި ހަރަކާތްތެރިވުމަކީ ވެސް ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަންކަމެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ގިނަ އަދަދެއްގެ މީހުންނަކީ ދުވަހުގެ ގިނަ ވަގުތު އިށީނދެގެން ތިބެގެން މަސައްކަތްކުރާ މީހުންނަށްވާތީ، މިއީ ސިއްހީ ބޮޑު ގޮންޖެހުމަކަށް ވަނީ ވެފަ އެވެ.

ކުޑަކުދިންނާއި ޒުވާނުންވެސް އިލެކްޓްރޯނިކް ވަސީލަތްތަކަށް ދެވި ހިފާފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން، ކުޅިވަރާއި ޖިސްމާނީ ކަސްރަތުތަކާ ދުރުވަމުން ދާކަން ޑަބްލިއުއެޗްއޯއިން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފަ އެވެ.

ސިއްހަތު ސަލާމަތުން ބެހެއްޓުމަށާއި އުމުރު ދިގުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ތެރެއަށް ކޮންމެވެސް ވަރެއްގެ ޖިސްމާނީ ހަރަކާތްތެރިކަމެއް އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރެވޭނީ ކޮންމެ ފަރުދަކުވެސް އަމިއްލަ ސިއްހަތަށް އިސްކަންދީ، ކަސްރަތު ކުރުމާއި ހަރަކާތްތެރިވެ އުޅުމުގެ އާދަ އަށަގަނުވައިގެންނެވެ.