ގިނައިން ފެން ބުއިމަކީ ދުޅަހެޔޮ ސިއްހަތަކަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އާންމުކޮށް ގަބޫލު ކުރެވުނު ނަމަވެސް، މިންވަރެއް ނެތި އިންތިހާއަށް ފެން ބުއިމަކީ ކިޑްނީއަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށް ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ. ސުމަން ސެތީ އިންޒާރު ދެއްވައިފި އެވެ.
ޑރ. ސުމަން ސެތީ ވިދާޅުވި ގޮތުގައި، ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ގިނައިން ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ސޯޑިއަމްގެ މިންވަރު ދަށްވެ، "ހައިޕޯނެޓްރީމިއާ" ކިޔާ ނުރައްކާތެރި ހާލަތެއް މެދުވެރި ވެދާނެ އެވެ. މީގެ ސަބަބުން ސިކުނޑި ދުޅަވުމާއި، ބޯ އެނބުރުން އަދި ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
ކިޑްނީގެ ބަލިތައް ހުންނަ މީހުންނާއި، ހިތުގެ ބަލިތައް ހުންނަ މީހުން ފެން ބޯންޖެހޭނީ ސީދާ ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ވަކި މިންވަރަކަށެވެ.
ކިޑްނީގެ މަސައްކަތް ދަށްވެފައިވާ މީހުން އިތުރަށް ފެން ބޯނަމަ، ހަށިގަނޑުގައި ފެން ގިނަވެ، ފުރާނައަށް ނުރައްކާވާ ހާލަތްތަކަށް ކަންކަން ގޮސްދާނެ އެވެ.
އާންމު ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ދުވަހެއްގެ މައްޗަށް އެކަށީގެންވަނީ ދޭއް ނުވަތަ ތިން ލީޓަރާ ދެމެދުގެ ފެނުގެ މިންވަރެކެވެ.
ނަމަވެސް، އިންސާނާ ދިރިއުޅޭ މާހައުލުގެ ހޫނުމިނާއި، ކުރާ ޖިސްމާނީ މަސައްކަތުގެ މިންވަރަށް ބަލައި މި މިންވަރަށް ބަދަލު އަތުވެދާނެ އެވެ.
ހަށިގަނޑަށް ފެން ބޭނުންވާ މިންވަރު ދެނެގަންނާނެ އެންމެ ފަސޭހަ ގޮތަކީ ކުޑަކަމުދާ ތަކެތީގެ ކުލައަށް ބެލުމެވެ. ކުޑަކަމުދާ ތަކެތީގެ ކުލަ މަޑު ރީނދޫ ކުލައެއްގައި ހުރުމަކީ ހަށިގަނޑުގައި ފެން އެކަށީގެންވާ ވަރަށް ހުރިކަމުގެ ނިޝާނެކެވެ. ނަމަވެސް ގަދަ ރީނދޫ ކުލައެއްގައި ހުރެޖެހޭނަމަ އެއީ އިތުރަށް ފެން ބޯންޖެހޭކަމުގެ އިޝާރާތެކެވެ.
ޑޮކްޓަރު އިރުޝާދު ދެއްވަނީ ކޮންމެ މީހަކުވެސް އަމިއްލަ ހަށިގަނޑުގެ ބޭނުންތަކަށް ބަލައިގެން، ކާތަކެތިންނާއި ބުއިންތަކުން ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ފެން ފޯރު ކޮށްދިނުމަށެވެ. ވަކި މިންވަރެއް ނެތި ގިނައިން ފެން ބުއިމަކީ ކިޑްނީއަށް އޮތް ރައްކާތެރިކަމެއް ނޫނެވެ.
ހަރަކާތްތެރި ނުވާނަމަ ގައިން ގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ބޮޑު
ކަންގަނާގެ ރާގު ބަދަލު ވެއްޖެ: "ޖެން-ޒީ އަކީ ގައުމުގެ ކުރިއެރުން"
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި