ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތްތަކަށް، މިނިވަން މާހިރުން ކަނޑައެޅި އަގަށް ވުރެ ބޮޑު އަދަދެއް ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރްސީސީ) އަށް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުން ނިންމައިފި އެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ނިމުނު ގޮތުގެ ބިލްގައިވާ ގޮތުގައި ސީއާރްސީސީން ހުށަހަޅާފައި ވަނީ 9.42 މިލިއަން ޑޮލަރެވެ. ނަމަވެސް، މި ހުށަހެޅުންތަކުގެ ސައްހަކަން ބެލުމަށް އެޗްޑީސީން ހަވާލުކުރި މިނިވަން ކުންފުންޏެއް ކަމަށްވާ "އެޕޮކް" އިން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ، އަމަލީގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ އަގަކީ 6.78 މިލިއަން ޑޮލަރު ކަމަށެވެ.
މިނިވަން ކޮންސަލްޓަންޓުންގެ ރިޕޯޓާއި ކޮންޓްރެކްޓަރުގެ ހުށަހެޅުމާ ދެމެދު 2.65 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 40.7 މިލިއަން ދިވެހި ރުފިޔާ) ގެ ބޮޑު ތަފާތެއް އެބަހުއްޓެވެ.
އެޕޮކްގެ ތަފްސީލީ ރިޕޯޓުން ފާހަގަކުރެވޭ މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނި ނަމަވެސް، އޭގެ ތެރެއިން ބޮޑު ބައެއް އޮތީ އެއްވެސް ވަރަކަށް ނުނިމި (0 ޕަސެންޓް) ކަމަށް ވަޒަންކޮށްފައިވޭ.
- ޑިޒައިން ކުރުމުގެ މަސައްކަތުގެ އަގު ސުމަކަށް ދަށްކޮށްފައިވޭ.
- އިންޝުއަރެންސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ 1 ޕަސެންޓަށް ކުޑަކޮށްފައިވޭ.
- ތަކެތި ހޯދުމަށް ހުށަހެޅި ކްލެއިމްތައް ބާތިލުކޮށްފައިވަނީ، އެ ތަކެތި ސައިޓަށް ގެނައިކަމުގެ އެއްވެސް ހެއްކެއް ނެތުމުން.
- ގިނަ އައިޓަމްތަކަކުން އަގު އުނިކޮށްފައި ވަނީ، ކޮންޓްރެކްޓަރު ބުނި ވަރަށް ވުރެ މާ މަދު މަސައްކަތެއް ކޮށްފައިވާތީ.
މިނިވަން މާހިރުންގެ ރިޕޯޓުގައި ބުނެފައި ވަނީ، މައްސަލަ އޮމާންކަމާއެކު ނިންމުމަށްޓަކައި ކޮންޓްރެކްޓަރަށް ބައެއް ލުއިތައް ދީގެން ބެލި ނަމަވެސް، އެއްވެސް ހާލެއްގައި 6.78 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ދޭން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް، މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ބޭއްވި އެޗްޑީސީގެ 408 ވަނަ ބޯޑު ބައްދަލުވުމުގައި ވަނީ، މިނިވަން ރިޕޯޓުގެ ހޯދުންތަކަށް ބެލުމެއް ނެތި، ކޮންޓްރެކްޓަރު އެދުނު ގޮތަށް 9.42 މިލިއަން ޑޮލަރު ދިނުމަށް ނިންމާފަ އެވެ.
މި ނިންމުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ އިސްރާފު ވެގެންދާނެތީ، އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
މެސީގެ ބައްޕަ އުމުރުން 68 އަހަރުގައި މަރުވެއްޖެ
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
ދިގު އުމުރަކަށް ބޭރީސްގެ ދައުރު ބޮޑު!