"ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ދޯނީގެ ތެރޭގައި އެ މީހުން ތާށިވެފައި ތިބިތޯ ބެލުމަށް އެމްއެންޑީއެފުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ސިފައިންނަށް ފާޑުކިޔަން ފަށައިފި އެވެ.
މި ފާޑުކިޔުންތައް އަމާޒުވާން މެދުވެރިވީ ހިލައާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް، ގއ. ކޮލަމާފުށީގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ބޭރަށް ބުދަ ދުވަހުގެ ރޭ އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުންގެ ތެރެއިން ތިން މީހުން އަދިވެސް ނުފެންނާތީ އެވެ.
މި ހާދިސާ ހިނގި ވަގުތު އަށް މީހުން ދޯނީގައި ތިބި އިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. ނަމަވެސް، ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފަ އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ނ. މަނަދޫ. ފުލޫނިޔާގެ، ޕޮލިސް ސާޖަންޓް އަލީ ނާފިއުއާއި، ސިފައިންގެ މީހެއް ކަމަށްވާ ގދ. ތިނަދުއަށް ނިސްބަތްވާ އިބްރާހީމް އަހުމަދުގެ އިތުރުން އަޑިއަށް ދިޔަ ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫނެވެ. އޭގެ ތެރެއިން ނާފިއުއަކީ ގއ. ވިލިނގިލީ މީހަކާ އިނދެގެން އުޅޭ ދެ ކުދިންގެ ބައްޕައެކެވެ. އަދި އިބްރާހީމް އަހުމަދުގެ ތިން ކުދިން ތިބެ އެވެ.
އާންމުންގެ ބައެއް ފަރާތްތަކުން ބުނަމުންދަނީ ދޯނި ބަންޑުންޖަހާލައި އަޑިއަށް ދިޔަ ގޮތަށް ބަލާއިރު، ގެއްލުނު މީހުން ދޯނީގެ ތެރޭގައި ތާށިވެފައި ތިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން، ދޯނި އޮތް ތަން ހޯދައި، ދޯނި ތެރޭގައި އެއިން މީހަކު ތާށިވެފައި ނެތްކަން ކަށަވަރުކޮށްދިނުމަކީ ސަލާމަތީ ބާރުތަކުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ބައެއް މީހުން ފާހަގަކުރާ ގޮތުގައި އެމްއެންޑީއެފްގައި އެފަދަ ފުން ތަނެއްގައި އޮތް އެ ދޯނި ތެރެ ބެލުމުގެ ގާބިލްކަން ނެތް ނަމަ، އަވަށްޓެރި އިންޑިއާ ނުވަތަ ޗައިނާ ފަދަ ގައުމުތަކުގެ އެހީތެރިކަމަށް އެދިގެން ވެސް އެ މަސައްކަތް އަވަސްކުރަން ޖެހެ އެވެ. އެ މީހުން ހޯދުމަށް ހަމައެކަނި ކަނޑާއި ވައިގެ މަގުން އިތުރު ސަރަހައްދުތައް ބަލަމުން ދިޔުމަކީ ހަމައެކަނި ނަމެއްގައި ކުރާ ކަމެއްގެ ގޮތުގައި މިހާރު ސިފަވަމުން އަންނަ ކަމަށް ވެސް އާންމުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ، ކަނޑާއި ވައިގެ މަގުން އެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ.
އޭގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަސެޕްޓަ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސް އަދި ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގައި ސަލްމާންއާއި އަލްވީރާ ކޯޓަށް!
ހިމާލަޔާގެ އުސް ފަރުބަދަތަކުގެ ތެރެއިން ދިގު ދަތުރެއް!
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު

ބޮޑަށް ދޭހަވަނީ ނަމެއްގަ ކުރާ ކަމެއްގެ ގޮތުގައި. މިއުޅެނީ ވީނުވީއެއް ނޭގިގެނެއްނުން ވީގޮތް އިނގޭ. ކަން ހިނގާދިޔަ ގޮތް އިނގޭ. އެތައް ވަގުތެއް ބޭކާރު ގޮތުގަ ދުއްވާލަނީ ކީއްވެބާ؟ ރާއްޖޭގަ އެވަރުގެ ގާބިލު ކަމެއް ނެތިއްޔާ ބޭރުން މީހުން ގެނެސްގެން ވެސް ދޯނި ތެރެ ބަލަންވީ ނުންތޯ.
ރިޕްލައި