ކުޅުދުއްފުށި ސިޓީގައި ދެމުން ދިޔަ ޓްރާންސްޕޯޓުގެ ހިދުމަތްތައް މިދިޔަ ބުދަ ދުވަހުން ފެށިގެން ހުއްޓާލިކަން ލޯކަލް ގަވަމަންްޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެ ރަށު ބްރާންޗުން އެންގީ ހުއްދަ ނުހޯދައި ކަމަށާއި، ކުރިޔެކޭ ވެސް އެއްގޮތަށް ހުރިހާ ހިދުމަތްތަކެއް ދިނުމަށް މިހާރު އަންގައިފައިވާ ކަމަށް، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި އެލްޖީއޭގެ ކުޅުދުއްފުށީ ބްރާންޗުން ވަނީ، ލާމަރުކަޒީ ގާނޫނަށް އައި ބަދަލުތަކާ ގުޅިގެން، އެ ބްރާންޗުން ދެމުން ގެންދިޔަ ޓްރާންސްޕޯޓުގެ ހިދުމަތްތައް ބުދަ ދުވަހުން ފެށިގެން ހުއްޓާލިކަން އަންގައިފަ އެވެ.
ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަހްމަދު އަބްދުﷲ އާ ހަވާލާދެއްވައި ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި އެލްޖީއޭގެ އެ އެންގުމާއެކު، އެ ސިޓީން ދެމުން ދިޔަ ލައިސަންސް ދޫކުރުމުގެ ހިދުމަތް ވަނީ ހުއްޓިފަ އެވެ.
މި މައްސަލައިގައި އެލްޖީއޭގެ މައި އިދާރާއާއި ސިޓީ ބްރާންޗާ ދެމެދު ބޮޑު އޮޅުންބޮޅުންތަކެއް ހުރިކަން މިވަނީ ހާމަވެފަ އެވެ. އެކަމާ ގުޅިގެން ނިމާލް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ބްރާންޗަށް އެފަދަ ނިންމުމެއް ނިންމައި އިއުލާނެއް ނެރުމުގެ އެއްވެސް ގާނޫނީ ބާރެއް ލިބިގެނެއް ނުވެ އެވެ. އަދި އެ ބްރާންޗުން ހިދުމަތްތައް މެދުކަނޑާލިކަން މައި އޮފީހަށް އެނގުނީ ވެސް އިއުލާން އާންމުކުރި ފަހުންނެވެ.
އެލްޖީއޭގެ އުސޫލުތައް ހުރި ގޮތުން ހިދުމަތެއް ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް އެކަން އަންގާނީ ސީދާ މައި އިދާރާއިން ލިޔުމުންނެވެ. ނަމަވެސް ކުޅުދުއްފުށީގެ ޓްރާންސްޕޯޓް ހިދުމަތް ހުއްޓާލާފައި ވަނީ ސީއީއޯއާ ނުވަތަ އެލްޖީއޭގެ ކަމާބެހޭ އެއްވެސް އިސް ފަރާތަކާ މަޝްވަރާކުރުމެއް ނެތި، އަމިއްލަ އަމަލުން ކަމަށް ނިމާލް ވިދާޅުވި އެވެ.
ވޭޕްގެ ޝިޕްމަންޓްތައް އަތުލައިގަތުން: މީހަކު ހައްޔަރެއް ނުކުރޭ!
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާ ދެއްވައިފި