ކަނޑުގެ ސަރަހައްދު ބަންދުކުރުން ފަދަ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެމެރިކާއިން މަސައްކަތް ކުރަނީ އީރާނުން އަމާންދިނުމަށް މަޖުބޫރުކުރުވުމަށް ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެ އެވެ.

އޭނާގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި އާންމުކުރި އޯޑިއޯ މެސެޖެއްގައި ގާލީބާފް ވިދާޅުވީ، އަދާވާތްތެރިން އެމީހުންގެ އާ ރޭވުންތަކުގެ ދަށުން، ކަނޑުގެ ސަރަހައްދު ބަންދުކުރުމާއި، އިގްތިސާދީ ގޮތުން ދަތިކުރުމުގެ އިތުރުން މީޑިއާގެ ޒަރީއާއިން ދޮގު މައުލޫމާތު ފަތުރައިގެން ގައުމުގެ އެއްބައިވަންތަކަން ރޫޅާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ އީރާނުން އަމާންދިނުމަށް މަޖުބޫރުކުރުވުމަށްޓަކައި އެމީހުން ކުރާ ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތައް އީރާނުން އަދިވެސް ދިރާސާކުރަމުންދާއިރު، ސުލްހައިގެ މަޝްވަރާތަކާ ގުޅޭ އިތުރު ތަފްސީލެއް އީރާނުގެ މަޖިލީހުގެ ރައީސް ނުދެއްވަ އެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ބުދަ ދުވަހު ވިދާޅުވީ، މި މައްސަލައިގައި އީރާނުން ގެންގުޅޭނެ ރަސްމީ ގޮތް ނިންމުމަށްފަހު، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް އެކަން އަންގާނެ ކަމަށެވެ.

ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ނިމުމަކަށް ގެންނަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްނުވާނަމަ، މިހާރަށްވުރެ ވަރުގަދަ ހަމަލާތަކެއް އީރާނަށް އަމާޒުކުރާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފަ އެވެ.