އަންނަ ބްރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިއަށްގެންދަން ބޭނުންވަނީ ރައްޔިތުންނަށް އަޑުއިވޭނެހެން މަޖީދީމަގުގައި ކަމަށް އެމްޑީޕީން ބުނެފި އެވެ.
މިއަދު ފުލުހުންގެ މަރުކަޒު ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ، މާލެ ވަށައިގެންވާ މަގުގައި މުޒާހަރާ ކުރުމުން އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށެވެ. އެހެންކަމުން މަޖީދީމަގުން މުޒާހަރާ ކުރިއަށް ގެންގޮސްގެން ނޫނީ ވީހާވެސް ގިނަ ރައްޔިތުންނަށް ކަންބޮޑުވުންތަކުގެ އަޑު ނުއިއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ރޫޓް ފުލުހުންނާ ހިއްސާކުރާނެ ކަން ފާހަގަކުރައްވަމުން އަމީން ފައިސަލް ވިދާޅުވީ، ވޭތުވެދިޔަ ތިން ފަހަރު ފުލުހުންގެ އެދުމަށް ބައްދަލުކުރުމަށްފަހުވެސް މަޖީދީމަގުގައި މުޒާހަރާ ކުރުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ. ނަމަވެސް މިފަހަރުގެ ކަންކަން ތަފާތުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބުނި ގޮތުގައި މިއީ ހަމައެކަނި ރީތި ހިނގާލުމެއް ބޭއްވުމުގެ ބަދަލުގައި، ވަކި މަގުސަދެއް ހާސިލުކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބާއްވާ މުޒާހަރާއެކެވެ. އެހެންކަމުން މަޖީދީމަގު ނޫން އެހެން މަގެއް މުޒާހަރާއަށް ހިޔާރުކުރެވެން ނެތް ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން "ދަތިވެއްޖެ" ނަމުގައި ބާއްވާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 13 ވާ ބްރާސްފަތި ދުވަހުގެ ރޭ 8:30 ގައި ޒުވާނުންގެ މަރުކަޒު ސަރަހައްދުންނެވެ.
ފިލްމެއް ޕްރޮމޯޓް ކުރަން ހޮލީވުޑް ބިލްބޯޑުގައި މީހަކު ދިރިއުޅެނީ!
ކަޅު ބާޒާރުގެ ޑޮލަރު ރޭޓު ފެންނަ ވެބްސައިޓު ރާއްޖޭގައި ބްލޮކް
"ޑޮކްޓަރަކާ ގުޅުވައި ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް"
