އިޒްރޭލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ހަމަލާ ދިނުމާ ގުޅިގެން އީރާނުން ގަތަރާއި ސައޫދީ އަރަބިއްޔާއަށް މިސައިލް ހަމަލާތައް ދީ، މެދުއިރުމަތީގެ ހާލަތު ނުރައްކާތެރި މިސްރާބަކަށް ދިއުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަންބޮޑުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ސައުތު ޕާސް ގޭސް ފީލްޑަށް ހަމަލާ ދިނީ އެމެރިކާއަށް ކުރިން އެނގިގެން ނޫން ކަމަށެވެ. ނަމަވެސް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް ވަނީ އިޒްރޭލުގެ އެ ރޭވުމަށް ރުހުން ދީފަ އެވެ.
މިކަމާ ގުޅިގެން ކުރި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުން ރައްދު ނުދޭހާ ހިނދަކު އިޒްރޭލުން އިތުރު ހަމަލާއެއް ގޭސް ފީލްޑަށް ދެން ނުދޭނެ ކަމަށެވެ.
އީރާނުގެ ރައްދު ހަމަލާތަކުގައި ގަތަރުގެ ރަސް ލަފާން އިންޑަސްޓްރިއަލް ސިޓީއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ގަތަރު އެނާޖީން ބުނެފައިވެ އެވެ. އެ ތަނަކީ ދުނިޔޭގެ ގޭސް ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ޕްރޮސެސް ކުރާ ތަނެކެވެ.
ސައޫދީ އަރަބިއްޔާ އިން ބުނީ ރިޔާދަށް ފޮނުވާލި ހަތަރު ބެލިސްޓިކް މިސައިލް ވައްޓާލާފައިވާ ކަމަށެވެ. އަދި ޔޫއޭއީ އިން ވެސް ވަނީ އީރާނުގެ ހަމަލާއެއް ހުއްޓުވައި، ހަބްޝާން ގޭސް ފެސިލިޓީ ބަންދުކޮށްފަ އެވެ. ސައޫދީގެ ރެޑް ސީ ބަނދަރު ޔަންބޫ އަށް ވެސް ވައިގެ ހަމަލާއެއް އެރި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ރިޔާދުގައި ބައްދަލުވި 12 މުސްލިމް ގައުމެއްގެ ހާރިޖީ ވަޒީރުން ވަނީ އީރާނުގެ ހަމަލާތައް ކުށްވެރިކޮށް، ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. ސައޫދީ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވީ އީރާނުގެ މި ފިއްތުންތައް ސިޔާސީ ގޮތުންނާއި އަހްލާގީ ގޮތުން ރައްދުވާނީ އީރާނަށް ކަމަށާއި، ބޭނުންވެއްޖެ ނަމަ އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ހާލަތު ހަމައަކަށް އެޅޭ ގޮތް ނުވުމާ އެކު، މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވުމާ މެދު ޓްރަމްޕް ވިސްނަމުންދާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފައިވެ އެވެ.
ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ ހަކަތައިގެ ސަޕްލައި އަށް ބޮޑެތި ބުރޫތައް ވަނީ އަރައިފަ އެވެ. ޔޫރަޕިއަން ޔޫނިއަނުން ހާމަކޮށްފައިވާ ގޮތުގައި ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށި ފަހުން ޔޫރަޕުގެ ގޭހުގެ އަގު 60 ޕަސެންޓަށް ވުރެ ބޮޑަށް ވަނީ އުފުލިފަ އެވެ. އެމެރިކާ-އިޒްރޭލުގެ ހަމަލާތައް ފެށި ފަހުން އީރާނުގައި 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގައި ހުންނަ އީރާނުގެ އިންސާނީ ހައްގުތަކުގެ ޖަމާއަތް ހްރާނާ އިން އަންދާޒާކޮށްފައިވެ އެވެ.

ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
ރަމަޟާން މަހަކީ ތަފާތު އިހުސާސެއް ކުރެވޭ މަހެއް: ސުމްބުލް