ނޮވެމްބަރު 20 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. އެ ދުވަސް މިފަހަރު އެންމެ ހާއްސަ ވީ އުމުރުން އެންމެ ތިން އަހަރުގެ ރާއްޖޭގެ ބަބުލް އަށެވެ.
ބަބުލްއަށް މި ދުވަސް ހާއްސަވެގެން ދިޔައީ އިނިގރޭސި ވިލާތުގެ ކުރީގެ ފުޓުބޯޅަ ލެޖެންޑް އަދި ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަ ޑޭވިޑް ބެކަމް ރާއްޖޭގެ ބަބުލްގެ ވީޑިއޯއަކާއެކު، ދުވަހުގެ ތަހުނިޔާ ފޮނުވުމުންނެނެވެ. ބެކަމް، ވީޑިއޯއަކާ އެކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ކުދިންނަށް ތައުލީމާއި ފުރުސަތުތައް ދިނުމަށް އެ ޖަމާއަތުން ކުރާ މަސައްކަތްތަކަށް ތާއީދު ކުރާ ކަމަށެވެ.
އެ ފްލެޓްފޯމްތަކުގައި ރާއްޖޭގެ ބަބުލްގެ ވީޑިއޯ ހިއްސާ ކޮށްދޭން ވެސް ބޭނުންވީ އެ ކުއްޖާގެ ވާހަކައިން ލިބުނު ހިތްވަރުގައި ކަމަށް ބެކަމް ބުންޏެވެ. އެގޮތުން ބެކަމް ބުނީ އޭނާގެ މެސެޖުން ހަނދާން ކޮށްދެނީ، ކިތަންމެ ކުޑަވިއަސް ކޮންމެ ކުއްޖަކީ ވެސް އަޑުއަހަން ޖެހޭ އަޑެއް ހުންނާނެ ކުއްޖެއް ކަމަށެވެ.
ގާތްގަނޑަކަށް 89 މިލިއަން މީހުން ފޮލޯކުރާ ބެކަމްގެ އިންސްޓަގްރާމްގައި އާއްމުކުރި ވީޑިއޯގައި ބުނީ ކޮންމެ ކުއްޖަކަށް ވެސް ކިޔެވުމާއި ހުވަފެންތައް ދުށުމާއި ލޯބި ލިބުމާއި އަދި ރައްކާތެރިކަން ލިބުމުގެ ހައްގު ލިބޭ ކަމަށެވެ. އެ އަށް ފަހު ދެން ދައްކަނީ، އަމީރު އަހުމަދު ޕްރީ-ސްކޫލުގައި ކިޔަވާ ބަބުލްގެ އެއް ދުވަހުގެ ހަރަކާތްތަކެވެ.
އެ ވީޑިއޯ ފަށަނީ ސްކޫލަށް ދިއުމަށް ބަބުލް ތައްޔާރުވާ މަންޒަރުންނެވެ. އަދި ސްކޫލަށް ގޮސް ކުރާނެ ކަންތައްތައް ވެސް ކިޔައިދެ އެވެ. އެގޮތުން ސްކޫލަށް ގޮސްފައި ފަން ކޮށްލާފައި ލަވަ ކިޔާލާނީ ކަމަށާއި ޕްލޭ ގްރައުންޑަށް ގޮސްފައި ކުޅެލާނީ ކަމަށާއި އަދި ސްކޫލުގައި ދެން ވޯކްސް ހަދާފައި "ފަން" ކޮށްލާނީ ކަަމަށް ބަބުލް ކިޔައިދެ އެވެ.
ސްކޫލުން ގެއަށް ގޮސް ބަބުލް މޭވާ ކާ މަންޒަރާއި އަދި ބައެއް މޭވާގެ ނަންތައް ވެސް އެ ވީޑިއޯގައި ކިޔައިދެ އެވެ. ބަބުލް އޭނާގެ މަންމަ އާއި ބައްޕައާ އެކު، ހަވީރު ބޭރަށް ދެވޭތީ އުފާވާ ކަމަށް ބުނަމުން އާޓިފިޝަލް ބީޗުގައި ސްކޭޓް ކުރަނިކޮށް ވެއްޓުމުން ތެދުވެ، ބަބުލް ބުނީ އޭނާއަކީ ބޮޑު އަދި ހިތްވަރު ގަދަ ކުއްޖެއް ކަމަށެވެ.
އެ ވީޑިއޯ ނިންމާލަނީ ބިންމަތިން ބަބުލް ޕްލާސްޓިކް ފުޅި ހޮވައި ޑަސްބިނަށް ލާ ހިސާބުންނެވެ.
ކުޑަކުދިންގެ ދުވަހާއި އެ ނޫން ވެސް މުހިންމު ދުވަސްތަކަށް ޔުނިސެފްގެ އޮފީސްތައް ހުންނަ ގައުމުތަކުގެ ކޮންޓެންޓް އެއްކޮށް، އެ ޖަމިއްޔާ އިން ބޭނުންކުރާ ގްލޯބަލް ކޮމިއުނިކޭޝަން ޕެކްގައި ހިމަނަން ޖެހެ އެވެ.
އޭގެ ސަބަބުން ޔުނިސެފްގެ ހުރިހާ އޮފީސްތަކާއި ގުޑްވިލް އެމްބެސެޑަރުންނަށް ބޭނުން ކުރެވޭނެ އެވެ. ބަބުލްގެ ވީޑިއޯ ވެސް ބެކަމްގެ ސޯޝަލް މީޑިއާގައި ހިއްސާކުރެވުނީ އޭގެ ތެރެއިންނެވެ.
ޔުނިސެފުން މިގޮތަށް އަބަދުވެސް ކުޑަކުދިންގެ ވީޑިއޯތައް ޝެއާކޮށް އެކުދިންނަށް ހިތްވަރު ލިބޭ ފަދަ މެސެޖުތައް ޝެއާކުރެ އެވެ.
ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ފާސްކޮށްފި
"ބިންޖް ވޮޗިން"ގެ ސަބަބުން ސިއްހަތަށް ގެއްލުންވޭ
ރަސްމާލެ ހިއްކަން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްފި