އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ ބަދަލުގައި، އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވައިގެން އެގައުމާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
އާދީއްތަ ދުވަހު "އެކްސިއޯސް" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މަސްތަކެއް ވަންދެން ހިނގި ހަމަނުޖެހުންތަކަށްފަހު މިހާރު ގެންގުޅުއްވަނީ ރައްކާތެރި ސިޔާސަތެއް ކަމަށެވެ. އީރާނުގެ އިގްތިސާދަށް ކުރަމުންދާ އަސަރުތައް ބަލަމުންދާ ކަމަށާއި، ތެހެރާނާއެކު މިހާރު ކޮންމެވެސް ވަރެއްގެ މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރައްވައި، އިންފްލޭޝަން މަތިވުމާއި ސިފައިންނަށް މުސާރަ ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި މިއީ އޭޕްރީލް މަހުން ފެށިގެން އެމެރިކާއިން ކުރިއަށްގެންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ މަގުތައް ބަންދުކުރުމުގެ ސަބަބުން ކުރިމަތިވި އިތުރު ފިއްތުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ، މިހާރު ފީފާއެއް 75 ޑޮލަރަށް ވުރެ ކުޑަކޮށް މަތީގައި ހުރުމުގެ ސަބަބުން، އެމެރިކާގެ ކޮންސިއުމަރުންނަށް ލިބޭ އިގްތިސާދީ ބުރަ ކުޑަވެފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
"މިކަން ހަމަޖެހޭނެ. އަބަދުވެސް ކަންކަން ހަމަޖެހޭ. މިއީ ރާޒުވާ ކުޅިގަނޑެއް ފަދަ ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ހޯރްމޫޒް ކަނޑުއޮޅި އަލުން އާންމު ދަތުރުފަތުރަށް ހުޅުވާލުމަށްޓަކައި އޮމާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބުމާ ގާތްވެފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން މިމަހު ބުނެފައިވަނީ، މަޝްވަރާތައް މިހާރު އޮތީ ނިމުމުގެ މަރުހަލާގައި ކަމަށާއި، ދެ ފަރާތުން ވެސް އާ ދަތުރުފަތުރުގެ މަގުތަކެއްގެ ކޯޑިނޭޓްތަކާ މެދު އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށެވެ.
ތެހެރާނުން ތަކުރާރުކޮށް ބުނަމުންދަނީ، އެމެރިކާއިން އެގައުމުގެ އަމަލުތައް އިސްލާހު ނުކުރަނީސް ކަނޑުގެ މަގު ފުރިހަމައަށް ހުޅުވައިނުލާނެ ކަމަށެވެ. މީގެ ތެރޭގައި ކަނޑުގެ ބްލޮކޭޑް އުވާލުމާއި، އަސްކަރީ ހަރަކާތްތައް ހުއްޓާލުމުގެ އިތުރުން ހަނގުރާމައިގެ ބަދަލު ދިނުމަށް އީރާނުން ދަނީ ޝަރުތު ކުރަމުންނެވެ.
ޖޫން މަހު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، ކަނޑުއޮޅީގެ ކޮންޓްރޯލް އޮންނާނެ ފަރާތަކާ މެދު އުފެދުނު ހިލާފުތަކާ ގުޅިގެން ހަފުތާތަކެއްގެ ތެރޭގައި ވަނީ އުވިފަ އެވެ. އަދި އޭގެ ފަހުން އަލުން ކުރިމަތިލުންތައް ވަނީ ފެށިފަ އެވެ.
އެއަށްފަހު، ކުވެއިތާއި ބަހްރޭން އަދި އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދޭތެރެ ދޭތެރެއިން ހަމަލާތައް ދެމުންދާއިރު، އީރާނާ ގުޅުން އޮންނަ ޔަމަނުގެ ހޫތީން ވަނީ މިދިޔަ މަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށްފަ އެވެ.
ރާއްޖެއިން މަސްދަޅު އެކްސްޕޯޓް ކުރިވަރު ދަށްވެއްޖެ
ނާސްތާ ދޫކޮށްލުމަކީ "އިންޓަމިޓެންޓް ފާސްޓިން" އެއް ނޫން!
