ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާ އައިޝްވަރިޔާ ރާއީ ބައްޗަން ވަނީ އޭނާގެ ފިލްމީ ހަޔާތުގައި، ބޮޑެތި ކާމިޔާބީތަކެއް ހޯދި ބައެއް ފިލްމުތަކަށް "ނޫނެކޭ" ބުނެފަ އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމަކީ 2014 ވަނަ އަހަރު ނުކުތް، ފަރާ ހާން ޑައިރެކްޓްކުރި އަދި ޝާހްރުކް ހާން އިސްރޯލު ކުޅުނު "ހެޕީ ނިއު އިޔާ" އެވެ.

އައިޝްވަރިޔާއަށް މި ފިލްމުން ހުށަހެޅި ރޯލަކީ ފަހުން ދީޕިކާ ޕަޑުކޯން ކުޅެ ބޮޑު ތަރުހީބެއް ހޯދި "މޯހިނީ" ގެ ރޯލެވެ. ފިލްމުގެ ސްކްރިޕްޓް ކަމުދިޔަ ނަމަވެސް އަދި މަސައްކަތް ކުރަން މަޖާވާނެކަން އެނގުނު ނަމަވެސް، އައިޝްވަރިޔާ އެ ފިލްމު ދޫކޮށްލީ އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަންވެސް އެ ފިލްމުގެ މުހިންމު ރޯލަކުން ފެންނާތީ އެވެ.

އިންޓަވިއުއެއްގައި އައިޝްވަރިޔާ ހާމަކުރި ގޮތުގައި، ފިލްމުގެ ވާހަކަ އޮތް ގޮތުން އޭނާގެ ކެރެކްޓާ ޖޯޑު ކުރެވިފައިވަނީ ޝާހްރުކް ހާންއާ އެވެ.

ނަމަވެސް އެއް ފިލްމެއްގައި ފިރިމީހާ އަބީޝެކް އުޅެނިކޮށް، އޭނާއާ ޖޯޑުނުވެ އެހެން އެކްޓަރަކާއެކު ރޯމޭންސް ކުރާތަން ފެނުމަކީ ބެލުންތެރިންނަށްވެސް އަދި އޭނާއަށްވެސް ވަރަށް "ހަމަނުޖެހޭ" ކަމަކަށް ވާނެތީ އެ ފިލްމަށް އޭނާ ދެކޮޅު ހެދީ އެވެ.

އައިޝްވަރިޔާ ބުނި ގޮތުގައި އަބީޝެކްއާއެކު އެއް ފިލްމަކުން ފެންނަނަމަ، އޭނާ ބޭނުންވަނީ އަބީޝެކްގެ ބަތަލާގެ ރޯލުން ފެންނާށެވެ.

އައިޝްވަރިޔާ އެ ފިލްމު ދޫކޮށްލުމުން އެ ރޯލު ލިބުނީ ދީޕިކާ އަށެވެ. "ހެޕީ ނިއު އިޔާ" ވެގެންދިޔައީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމަކަށެވެ.

އައިޝްވަރިޔާ އާއި އަބީޝެކް ވަނީ މީގެ ކުރިން "ގުރޫ"، "ރާވަން" އަދި "ކުޗް ނާ ކަހޯ" ފަދަ މަގުބޫލު ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.