ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުން، ނޫސްވެރިން މައުލޫމާތު އޮޅުވާލާ ކަމަށް ތުހުމަތުކޮށް ސިއްރުކޮށްފި އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަކީ މަޖިލިސް މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ހޯދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން އެލައިޑް އިންޝުއަރެންސްގެ ބޭފުޅުންނާ ބައްދަލުކުރުމަށް ތާވަލުކުރި ބައްދަލުވުމެކެވެ. މި މައްސަލައަކީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ކޮމިޓީގައި ވެސް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި މައުޟޫއެކެވެ.
ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމްދީދީ (އައިބީ) އެވެ. އޭނާ ވިދާޅުވީ މިދިޔަ ހަފްތާގެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް ނޫސްވެރިން ރިޕޯޓުކޮށްފައިވަނީ އޮޅުވާލައިގެން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ނޫސްވެރިން ހަބަރު ލިޔަނީ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށެވެ.
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ބައްދަލުވުން ސިއްރުކުރުމަށް ފާސްކޮށްފަ އެވެ.
ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް ވަނީ ނޫސްތަކުން ހަބަރު ގެނެސްދިން ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މެންބަރުން ދެއްކީ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދުމުގައި ދިމާވާ ލަސްތަކާއި ދަތިތަކުގެ ވާހަކަ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހަފްތާގެ ބައްދަލުވުމުގައި ވެސް މެންބަރުން ވާހަކަ ދައްކަވާފައިވަނީ ޔޫޓިއުބް ލައިވްއަށް އަޑު ނުދާނެހެން މައިކް ނުޖައްސަވަ އެވެ. މައިކް ޖައްސަވައިގެން ވާހަކަ ދެއްކެވި ބޭފުޅުން ވެސް ދިމާވާ ދަތިތަކުގެ ސީދާ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
މީގެ ކުރިން ޝާހިދު ވިދާޅުވެފައިވަނީ މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ޕެކޭޖަށް ކުރިމަތިލަނީ ހަމައެކަނި އެލައިޑާއި އަމާނާ ތަކާފުލްއިން ކަމަށާއި، އެހެން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުނުކުރަނީ ޕެކޭޖު ކުޑަވުމުން ކަމަށް ލަފާކުރެވޭ ކަމަށެވެ.
ނޫސްވެރިޔާ ސާއިދުގެ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާ ދެނީ
ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ
ހަމަލާގެ ބަދަލުގައި އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތަކެއް