ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 ޕަސެންޓަކީ ބިދޭސީން ކަމަށް، ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މައްޗަގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ހިދުމަތުގައި އަދިވެސް ބޮޑު ބަޔެއް ހިއްސާކުރަނީ ބިދޭސީން ކަމަށެވެ. އަދި ބިދޭސީ ޑޮކްޓަރަކު ވަޒީފާއިން ވަކިވެގެން ދިޔުމުން، އެ މަގާމަށް އަލުން މީހަކު ހޯދުމުގައި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ފާއިތުވި އަހަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާގައި 12,000 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތްކުރާއިރު، އޭގެ ތެރެއިން 3,400 އަށްވުރެ ގިނައީ ބިދޭސީންނެވެ.
މީގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި 7,000 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތްކުރާއިރު، މާލޭގައި 5,000 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިނިސްޓަރު ގީލާ އެދިވަޑައިގަންނަވަނީ ސިއްހީ ހިދުމަތަކީ ދިވެހިންގެ ހިއްސާ ބޮޑު ދާއިރާއަކަށް ހެދުމަށެވެ. އެގޮތުން ގައުމީ ޔުނިވަސިޓީ މެދުވެރިކޮށް ތަމްރީނުތައް ކުރިއަށް ދާއިރު، ގިނަ ދިވެހިން މި ކޯސްތަކުގައި ބައިވެރިވެ ދާއިރާއަށް ނުކުތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ދާއިރާގައި ދިވެހިން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން، ވަކި ދާއިރާތަކަކުން ބިދޭސީންނަށް ވޯކް ޕާމިޓު ދިނުން ހުއްޓާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ހޯމް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހު ގަވާއިދަށް ގެނައި އިސްލާހާއެކު، އަމަލުކުރަން ފަށާތާ ތިން އަހަރުގެ ތެރޭގައި ނަރުހުންގެ ކޯޓާތައް ބާތިލުކުރަންޖެހޭނެ އެވެ.
އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ
އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑް އިންޑިއާ އަންހެނަކަށް!
ނާސްތާ ދޫކޮށްލުމަކީ "އިންޓަމިޓެންޓް ފާސްޓިން" އެއް ނޫން!